ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު މަޖިލީހަށް ބަލައިގަންނަން ވެސް އަދި ފާސްކުރަން ވެސް އޭނާ ވޯޓެއް ނުދެއްވާ -- / -
ސިޔާސީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު ގާނޫނުއަސާސީއާ ހިލާފު : އަޒާން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ފެބްރުއަރީ 2025
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ފާސް ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަތީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުން ފާސްކުރި ކޯޓުތަކާ ބެހޭ ގާނޫނުގެ އިސްލާހަށް ވޯޓު ނުދެއްވި ސަބަބު ބަޔާން ކުރައްވައި މިއަދު އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންނާއި ގައުމީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ މަސްލަހަތެއް އޭނާއަށް ނޯންނާނެ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން ނިންމެވީ އޭނާ ތަމްސީލު ކުރައްވާ ރައްޔިތުންނާއި ގާނޫނީ ބޭފުޅުންނާއި މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރުންގެ ލަފާ އާއި މަޝްވަރާގެ މަތިން ކަމަށެވެ.

އަދި މި ބިލަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ،

- އަޒާން

އަޒާން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، އެ ވޯޓު ނެގުމުގެ ކުރިން އޭނާ ވަނީ ތަޅުމުން ނުކުމެވަޑައިގެންފަ އެވެ. މި ބިލު ބަލައިގަތުމަށް އިއްޔެ މަޖިިިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައިނުުގަންނަވަ އެވެ. އިއްޔެގެ ޖަލްސާއަށް ވެސް އަޒާން ވަޑައިގެންނެވި އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރުން ގިނަވެގެން 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ޕީއެންސީގެ 64 މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުން މިއަދު ބިލް ފާސްކުރިއިރު ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާ ދެއްވައިފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved