ސުޕްރީމް ކޯޓުގެ ފުލް ބެންޗް / ސޯޝަލް މީޑިއާ
ހަބަރު
ވަގުތީ އަމުރާ މެދު ގޮތެއް ނިންމާ އަޑުއެހުމަށް ވަކީލުން ވެއްދުމަށް ފަހު ކެންސަލް..!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ފެބްރުއަރީ 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރުތަކާމެދު ގޮތެއް ނިންމަން މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ:

  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

  • ފަނޑިޔާރު ހުސްނުއްސުއޫދު

  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ 11:00 ވާން ކުޑަތަންވެފައި އޮއްވައެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި އެ ވަގުތަށް ތާވަލުކުރި ވަގުތީ އަމުރާ މެދު ގޮތެއް ނިންމާ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

އަޑު އެހުމަށް ވަކީލުން ވެއްދި ނަމަވެސް އިދާރީ މޭޒުން ވަނީ އަޑުއެހުން ކެންސަލްވެފައިވާ ކަމަށް އަންގާފަ އެވެ.

ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލައަކީ ފުލް ބެންޗުން ބަލަމުންދާ މައްސަލައެކެވެ. އެއްވެސް ފަނޑިޔާރަކު ނެތް ނަމަ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ އެވެ.

މިއަދުގެ އަޑުއެހުމުގައި އޮންނާނީ، މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިންމުމުގެ ކުރިން، މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދިނުމަށް މައްސަލަ ހުށަހެޅުއްވި ކުރީގެ މެންބަރު އަލީ ހުސެއިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ވަނީ މިއަދު ބިލެއް ފާސްކޮށްފަ އެވެ. ބިލު ފާސް ކުރީ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved