

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ޑރ އަޒްމިރާލްޑާ ޒާހިރު އަދި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑް ކުރީ އެ ފަނޑިޔާރުންނާއި މެދު ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާތީ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން ހާމަކޮށްފިއެވެ.
ޖޭއެސްސީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ތިން ފަނޑިޔާރުންނާއި ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އޭސީސީންވަނީ ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާ ކަމަށްވަނީ ފާހަގަކޮށްފައެވެ.
އެ ނިންމުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެކަމަށް ބުނާ މާއްދާ އާއި ގުޅިގެންކަމަށްވެސް އެ ކޮމިޝަނުން އެ ބަޔާނުގައިވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 04 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށްވަނީ ހާމަކޮށްފައެވެ.