March 15, 2026
Advertisement
ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލާ އެއްވުމެއްގެ ތެރެއިން
ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލާ އެއްވުމެއްގެ ތެރެއިން / ސޯޝަލް މީޑިއާ

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރަން ހުށަހެޅި ބިލުގެ ކޮމިޓީ މަސައްކަތް ނިންމަން ކަނޑައެޅި ސުންގަޑި އަނެއްކާވެސް ފަސްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Feb 26, 2025, 09:53 PM

ސަހްޔޫނީ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލުގެ ކޮމިޓީ މަސައްކަތް ނިންމަން ކަނޑައެޅި ސުންގަޑި އަނެއްކާވެސް ފަސްކޮށްފިއެވެ.

Advertisement

މި ބިލުގެ މަސައްކަތް ނިންމަން ކަނޑައެޅި ސުންގަޑި އަނެއްކާވެސް ފަސް ކުރަން ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ގިނަ ފަރާތްތަކާއި އެކު ބައްދަލުވުން އަދިވެސް ނުބޭއްވޭކަމަށް ވިދާޅުވެ އެ ބިލުގެ މަސަައްކަތް ނިންމުމުގެ ސުންގަޑި ފަސް ކުރުމަށް ހުށަހަޅައިފައިވަނީ ތުޅާދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ސަހްޔޫނީ ޕާސްޕޯޓު މަނާކުރުމުގެ ކޮމިޓީ މަސައްކަތް ދިގު ދަންމައިލަން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ދިގުދަންމައިލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ އެކަންޏެވެ.

މި ބިލު ހުށަހެޅީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހެވެ. އެ ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހެވެ.

މި މައްސަލަ ކޮމިޓީ މަރުހަލާގައި ހުއްޓިފައި އޮތުމާ ގުޅިގެން އެކި ފަހަރުމަތިން އިދިކޮޅު މެންބަރުން ވަނީ އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި، ކުއްލި މައްސަލަތައް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދަނީ އެ މައްސަލަތައް ބޭރުކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 1541 މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved