ޖުޑީޝަލް ސާވިސް ކޮމިޝަން / ގޫގުލް
ހަބަރު
މަހާޒްއާ އަޒްމިރަލްދާ ފްރޭމުކުރަން ބަޔާން ދިނުމަށް ގާޒީންނަށް މަޖްބޫރުކުރާކަމުގެ އަޑުތަކެއް!
27 ފެބްރުއަރީ 2025
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރުއާ ޑރ. އަޒްމިރަލްދާ ޒާހިރުއާ ދެކޮޅަށް ބަޔާން ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަށު ކޯޓެއްގެ ގާޒީންތަކަކަށް މަޖްބުރުކުރުވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

"ތޭރަ އޮންލައިން" އަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއިން ފިއްތުންތައް ކުރިމަތިކުރުވާ ބަޔާން ދިނުމަށް މަޖްބޫރުކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ތިން ގާޒީއަކަށެވެ.

އެނގިފައިވާ ގޮތުގައި ގާޒީންނަށް ފިއްތުންތައް ކުރިމަތިކުރުވަމުން ދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، ޑރ. އިސްމާއިލް ހައްޔަރުކޮށް މުއްދަތުގެ މަޖިލީހަށް ގެންދިއުމުގެ ކުރިން މަހާޒު އާ އަޒްމިރަލްދާ ކުރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅާ އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނެ ބަޔާން ދިނުމަށެވެ.

ނަމަވެސް ތިން ގާޒީންވެސް ގެންދަނީ ދޮގު ބަޔާން ދިނުމަށް ދެކޮޅު ހަދަމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޑރ އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ހައްޔަރުކޮށްފައިވަނީ މަސާޖު ޕާލަރއެއް ރެއިޑް ކުރިއިރު އެތަނުގައި ހުންނަވަނި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މަހާޒު އާ އަޒްމިރަލްދާއާ ދެކޮޅަށް ބަޔާން ދިނުމަށް ގާޒީންތަކަށް މަޖްބުރުކުރަން ފެށީ އެނގިފައިވާ ގޮތުގައި މަޖިޅީހުގެ މެމްބަރުން ގޮނޑިއާ ލާ ބަދެފައި ތިބި ބިލުގެ މައްސަލަ ސުޕްރީމު ކޯޓުން ބަލަން ފެށުމުންނެވެ. އަދި ބަޔާން ދިނުމަށް ގާޒީއިން ދެކޮޅު ހަދަމުން ދަނިކޮށް ޖޭއެސްސީއިން އިއްޔެ ވަނީ ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް ބިލުގެ މައްސަލަ ހުއްޓުމަކަށް ގެންނަން މަގު ފަހިކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ތިރިކުރުމަށް ކުއްލި ގޮތަކަށް މަޖިލީހަށް ބިލެއް ހުށަހަޅާ ފަނޑިޔާރުން މަދުކުރާ ބިލު އެންމެ ދުވަހެއްގެ ތެރޭގައި ދިރާސާކޮށް ނިންމާ ފާސްކޮށްފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved