ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނި އޮރެންޖު އެލާޓް ނެރެފައި / އެމްއެންޑީއެފް
ހަބަރު
ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދަތިވެއްޖެ، ބަރު އުޅަނދު ނުދުއްވަން ފުލުހުން އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 މާރިޗު 2025
މާލެ ސިޓީ

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދަތިވެ، ފެންހެދި މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވަން އުދަގޫވުމުން އާއްމު ހާލަތަށް ބަދަލުވަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

މިއަދު ހަވީރުން ފެށިގެން މާލެއަށް ވެހެމުން އަންނަ ވާރޭގައި ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެހެންވެ، ވެލި ބަސްތާ ޖެހުމާއި ފެން ހިންދުމަށް ސިފައިން މިވަގުތު އެކި ސަރަހައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުގައި ފެންބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގާފައި ވާކަމަށެވެ. މިގޮތުން، މަގުތަކުން ފެން ހިނދެންދެން މާލޭގެ މަގުތަކުގައި ބަރު އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވުމަށް ފުުލުހުން ވަނީ އެދިފަ އެވެ.

އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު، މިހާރުވެސް މެޓް އޮފީހުން ވަނީ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެރެފަ އެވެ.

އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ މިރޭ 12 ޖެހުމާހަމައަށް ވަނީ އޮރެންޖް އިންޒާރު ނެރެފަ އެވެ. އަދި ދަންވަރު 1:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފަ އެވެ. އަދި ދަނަވަރު 2:00 ޖެހުމާއި ހަމައަށް ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ހުދު ސަމާލުވެސް ނެރެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ "އެކްސް" ގައި ވިދާޅުވީ ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved