

ކ. ތިލަފުށި ކައިރިން ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރަން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުންދާތީވެ، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ. މިއީ މިއަދުގެ މިފަދަ ދެވަނަ ހާދިސާއާ އެވެ.
މީޑިއާތަކަށް އެމްއެންޑީއެފުން ފޮނުވި މެސެޖެއްގައި ބުނީ ފަޅައިގެން ގޮސް ދިޔަވަމުން ދަނީ ސުވެނިއާ 34 ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. ނަމަވެސް އެ ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް, އަދި އެ ލޯންޗު ފަޅައިގެން ދިޔައީ ކިހިނެއް ކަމެއް އެމްއެންޑީއެފުން ނުބުނެ އެެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޓޫރިސްޓުން ގޮވައިގެން އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ވެސް މިއަދު ވަނީ ދިޔަވެގެން އަޑިއަށް ގޮސްފަ އެވެ.
އެ އުޅަނދުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 48 މީހަކު ތިއްބެވެ. އެއީ ހަތަރު ފަޅުވެރިންނާއި 48 ފަސިންޖަރުންނެވެ. އެ ލޯންޗުގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ވެސް ޓޫރިސްޓުންނެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށްގެން ދިގުރަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.