ރައްޔިތުން މިލިއަނުން ޖޫރިމަނާ ކުރެވޭ ގޮތަށް ޖަނަވާރު ރައްކާތެރިކުރުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި / -
ހަބަރު
ރައްޔިތުން މިލިއަނުން ޖޫރިމަނާ ކުރެވޭ ގޮތަށް ޖަނަވާރު ރައްކާތެރިކުރުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 މާރިޗު 2025
މާލެ ސިޓީ

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފިނަމަ ނުވަތަ އަނިޔާކޮށްފިނަމަ އަދި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ އަމަލެއް ހިނގައިފި ނަމަ އެ ޖަނަވާރެއް ގެންގުޅުނު މީހެއް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ފިޔަވަޅު އެޅޭގޮތަށް "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

އެ ބިލު ދަށުން ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާ އެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި ބިލުގައި ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވެސް ވަނީ ބަޔާންކޮށްފައިވެ އެވެ. އެގޮތުން، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގަވައިދާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރާނެ އެވެ.

ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކުރެ އެވެ.

މީގެ އިތުރުން، ޖަނަވާރަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭނެއެވެ. މި ގާނޫނުގައި އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ބިލުގައި، އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ބާރުތައް ވަނީ ދީފައެވެ. އެ ގާނޫނުގެ ދަށުން ސިޔާސަތު ކަނޑައަޅައި، ގާނޫނު ތަންފީޒުކުރާ މައި އިދާރާއަކީ މިނިސްޓްރީ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން، މީގެކުރިން ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ނުރައްކާތެރި ޖަނަވާރު އެތެރެކުރެވޭނީ ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. ނަމަވެސް، އެ މާއްދާ އުވާލުމަށް ފަހު މިހާރު ހުއްދަ ނަގަން ޖެހޭނީ މިނިސްޓްރީން ކަމަށް މި ބިލުގައިވަނީ ހިމަނާފައެވެ.

މި ބިލުގައި ވާގޮތުންނަމަ ޕޯޓު ކަރަންޓީނު ފެސިލިޓީތަކާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެއެވެ. އަދި، ޖަނަވާރުން ގެންގުޅޭ ތަންތަން އިންސްޕެކްޓްކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފައެވެ.

ނިމިދިޔަ 19 ވަނަ މަޖިލިސް ދައުރުގައި ވެސް ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެއް ހުށަހަޅައި، އެ ބިލުގެ އެ މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ނިމުނުއިރު ވެސް އެ ބިލްގެ މަސައްކަތެއް ނުނިމެ އެވެ. އަލަށް ހުށަހެޅި ބިލުގައި ވަނީ ޖޫރިމަނާގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved