

މި ސަރުކާރުން އެއްވެސް މަޝްރޫއުއެއް ކުރިއަށްނުގެންދާ ކަމަށާއި މިއީ "ވިޒިޓް މޯލްޑިވްސް" ގެ ދަށުން ޗުއްޓީ ހޭދަކުރަން އައި ސަރުކާރެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން 2027 ގެ ނިޔަލަށް ފަސް ކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ޣަފޫރު ވަނީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
ޢަފޫރު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިފައި ނުވަނީ 50 ވަރަކަށް ރަށެއްގައި ކަމަށާއި އެ ރަށްރަށުގައި އެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށެވެ. އެ މަސައްކަތް ކުރިއަށްދަނީ ކޮން ރަށެއްގައިތޯ އެއްސެވުމަށް ފަހު ޣަފޫރު ވަނީ އެ މަސައްކަތްތައް ކުރިއަށްގެންދަން ސަރުކާރުގައި މިހާރު ލާރި ނެތް ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުގައި އޮންނަނީ ދަތުރު ކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ރައްޔިތުންގެ ފައިސާއިން ޕާޓީ ބާއްވައި މަޖާ ކުރުމާއި، ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުން ކަމަށް ޢަފޫރު ވިދާޅުވިއެވެ.
ވައްކަން ކުރުމަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި ނަމަވެސް ވައްކަން ކޮށްގެން ވަކިކުރި މެނޭޖިން ޑިރެކްޓަރުންގެ މައްސަލަ ނުބަލާ ކަމަށް ވެސް ޣަފޫރު ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް ތަކުރާރުކޮށް ޕީއެންސީން ބުނަމުން އަންނައިރު ވެސް އެކަން ނުބަލާ ކަމަށް ޢަފޫރު ވިދާޅުވި އެވެ. ޢަފޫރު ވަނީ މުޅި ސަރުކާރު ޕީއެންސީގެ އަތްމަތީގައި އޮތްއިރު ވެސް އެ މައްސަލަތައް ބަލާފައި ފިޔަވަޅު ނޭޅެނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
މި ސަރުކާރުން ވައްކަމުގެ ތެރޭގައި މުޅި ގައުމު ފޯވެފައި އޮތް ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޗްޑީސީގެ މެނޭޖުމަންޓަށް ގެންނަމުންދާ ބަދަލުތަކަށް ވެސް ޣަފޫރު ފާޑުވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒު ކުންފުނިތަކުގެ ވެރިންނަށް އައްޔަނުކުރި ބައެއް ބޭފުޅުންނަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރެއިން ބައެއް އެމްޑީން ވަކިކުރި ނަމަވެސް ކޯޓު ހުކުމަކާ ހަމައަށް އެއްވެސް މީހެއްގެ މައްސަލައެއް ނުދެ އެވެ.