ފޮރިން މިނިސްޓްރީން ނެރުނު ބަޔާން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު
ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ބަންދު ކުރުން ކުށްވެރިކޮށްފި
Hussain Nawaf
ހުސައިން ނަވާފް
03 މާރިޗު 2025

ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ސަހްޔޫނީން ހުއްޓުވުމުން ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީންވަނީ ބަޔާނެއް ނެރިފައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް ސަހްޔޫނީން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށް ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމް ކުރެވެން ޖެހޭކަމަށް ރާއްޖެއިން ގަބޫލު ކުރާކަމަށް ބުނެފައިވެއެވެ.

ދާދި ފަހުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އައިސީޖޭގެ އިޝްތިރާޖީ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ ލިޔުމުން އެ ކޯޓަށް ބަޔާނެއް ހުށަހަޅައިފައިވެއެވެ.

ނަމަވެސް އެ ކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ރާއްޖެއިން އަޅައިފައި ނުވެއެވެ. އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނެ ސަރުކާރުން ދޮގު ހަދައި އެކަން ނުކޮށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ލަސް ކުރާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 1541 މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved