
ފާޑުކިޔުމާ ނުރުހުން އަމާޒުވުމުން، 1 މަސް ކުރިން އިރާނުގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނުގެ މީނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ' އަންހެން ކުދިންގެ ސްކޫލަށް އަމާޒުކޮށް ދިން ނުރައްކާތެރި ވައިގެ ޙަމަލާގައި 168 ކުދިން ނިޔާވެފައިވެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުށެއް ނެތް ޅަކުދިންތަކެއް ތަޢުލީމު ހާސިލުކުރަމުންދިޔަ މަރުކަޒަކަށް ދިން މި ޙަމަލާއަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާއި، އިންސާނިއްޔަތާބެހޭ ބައިނަލްއަޤުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ އަމަލެއް ނޫނެވެ.
މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ ސުލްޙަމަސަލަސްކަން ގެއްލި، އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާކަން ދިވެހިރާއްޖެއިން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.
ސްވިޓްޒަލަންޑްގެ ޖެނީވާގައި މިއަދު ކުރިއަށްދިޔަ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި، މި މައްސަލައާ ގުޅޭގޮތުން ވަނީ ކުއްލި ބަހުސެއް ބާއްވާފައެވެ. "ބައިނަލްއަޤުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު އަމަލެއް" މި މައުޟޫއަށް ކުރިއަށްދިޔަ ބަހުސްގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވީ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ސަލްމާގެ ތަޤުރީރުގައި، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ އަސްކަރީ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ގޯސްވަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ހަނގުރާމައިގެ ޙާލަތްތަކުގައިވެސް ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ މަދަނީ މުއައްސަސާތަކަށް ޙަމަލާދިނުމަކީ ޖެނީވާ ކޮންވެންޝަންތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާއެއްކަން އެކަމަނާ ސާފުކޮށްދެއްވިއެވެ.
މި ޙަމަލާގައި 168 ކުދިންގެ ފުރާނަ ގެއްލިގެން ދިއުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ފުން ހިތާމައެއްކަމަށް ސިފަކުރައްވަމުން، މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.
މި ބަހުސްގައި ވާހަކަފުޅުދައްކަވަމުން ސަލްމާ ވަނީ، ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލުބުނާން މިހާރު އޮތް ނުރައްކާތެރި އަދި ނާޒުކު ޙާލަތަށް ވައްޓާލުމުގެ މައިގަނޑު ސަބަބަކީ އިސްރާއީލު ކަމަށް ވިދާޅުވެފައެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އަދި ދައުލަތެއްގެ ފެންވަރުގައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ އެކަންކަން ތަންފީޒުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ ސަލާމަތަށް ނުރައްކާވެފައިވާކަން ސަލްމާ ފާހަގަކުރެއްވިއެވެ.
މިފަދަ ބަޔާނެއް ޚާރިޖީ ވުޒާރާއިން ނެރެފައި މިވަނީ، މާރިޗު 25 ގައިސްވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 48 ވަނަ ބައްދަލުވުމުގައި ބޭއްވި ބަހުސްގައި ރާއްޖެއިން އީރާނުން ގަލްފް ގައުމަތަކަށް ދޭ ހަމަލާތައް އެކަނި ކުއްވެރިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ސަރުކާރު ހޫނު ފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.










