ފަނޑިޔާރު ހުސްނުއްސުއޫދު / ސްކްރީން އިމޭޖް
ހަބަރު
ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެ ކޯޓުގެ ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 މާރިޗު 2025
މާލެ ސިޓީ

ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

 ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ހަދާ ގޮތަށް ގާނޫނު ބަދަލުކުރަން މަޖިލީހުން ނިމުނު ހަފްތާގައި ވަނީ ނިންމާފަ އެވެ. އެ ނިންމުން ނިންމިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

ސުއޫދު އިސްތިއުފާ ދެއްވާފައިމިވަނީ އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުއޫދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އެ ކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި އެއީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމެވެ.

... އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،

- ސުއޫދުގެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.

ސަރުކާރުގެ ތާއީދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved