ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ މެންބަރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކުރެއްވުމުގެ ތެރެއިން / ރައީސް އޮފިސް
ހަބަރު
ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފު ވެއްޖެ: ސުއޫދު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 މާރިޗު 2025
މާލެ ސިޓީ

ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފު ވެއްޖެ ކަމަށް މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީގައިވަނީ މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ނިންމުމާއެކު އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށެވެ.

އަދި ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ވެސް އެ މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށް ހުސްނުއްސުއޫދު އިސްތިއުފާގެ ސިޓީގައި ލިޔުއްވައިފައިވެ އެވެ.

މީގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއް ފާސްކޮށް، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ގޮނޑި ގެެއްލޭ މައްސަލަ ނިންމަން ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާކަމަށް ވަނީ ސިޓީގައި ބަޔާންކޮށްފަ އެވެ.

ސުއޫދުގެ އިސްތިއުފާ މި އައީ އޭނާގެ މައްސަލައެއް ޖޭއެސްސީ އާއި އޭސީސީން ބަލާކަމަށް ބުނެ ސަސްޕެންޑްކޮށްފައި އޮއްވަ އެވެ. މިކަމުގައި ސަރުކާރަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެއީ ސުޕްރީމް ކޯޓުން ބަލަން ނިންމި މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ހުއްޓުވަން ސަރުކާރުގެ ނުފޫޒުގައި އެޅި ފިޔަވަޅެކެވެ.

މިދިޔަ ބުދަ ދުވަހު، ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ އެ ދުވަހުގެ ހެނދުނު 11:00 އަށް ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށް ދެ ތިން މިނެޓަށް ވެފައި އޮއްވަ އެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ ޖިނާއީ މައްސަލައެއް ބަލަމުން އަންނާތީކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް މިއަދާއި ހަމައަށް އޭސީސީން އަދި ޖޭއެސްސީން ވެސް ހާމަ އެއް ނުކުރެ އެވެ.

ހަމަ އެ ދުވަހުގެ ހެނދުނު 10:00ގައި ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ތަޅުމުން ފާސްކޮށްފަ އެވެ.

ސަރުކާރުގެ ތާއީދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

ގާނޫނުއަސާސީގެ އިސްލާހުގައި ބުނެފައިވާ ގޮތުން މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލެ އެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ކަނޑައަޅައި ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ކެންދޫ ދާއިރާގެ މެމްބަރުކަން މިދިއަ ދެ ދައުރު ވެސް ކުރެއްވި އަދި ގާނޫނީ ވަކީލު އަލީ ހުސެއިންނެވެ.

...ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ އާއި ރ އާ ހިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށީގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ.،

- ސުއޫދު

ގާނޫނީ ދާއިރާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved