

މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށަށް ހިނގައްޖެއެވެ.
މިކަން ހާމަވެފައިވަނީ، މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ފެބްރުއަރީ މަހުގެ "މަންތްލީ ސްޓެސްޓިކް" އިންނެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
އެގޮތުން މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރީ 214،091 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 217،391 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ 3،300 ފަތުރުވެރިން ނުވަތަ 1.5 ޕަސެންޓުގެ ދަށްވުމެކެވެ.
އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު ޖުމްލަ 409،772 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މި އަހަރުގެ އެ މުއްދަތުގައި 428،954 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެއީ 19،182 ޓޫރިސްޓުންގެ އިތުރުވުމެކެވެ.
ފެބްރުއަރީ މަހު އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމަށް ފަހު ދެން އެންމެ ގިނައިން އައީ ޗައިނާއިންނެވެ.
ފެބްރުއަރީ މަހު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އިނގިރޭސިވިލާތް، ޗައިނާ، ރަޝިއާ، އިޓަލީގެ އިތުރުން ޖަރުމަނުވިލާތެވެ. މި ގައުމުގެތަކުގެ އިތުރުން ފްރާންސް، އިންޑިއާ، އެމެރިކާ، ސުވިޒަލޭންޑް އަދި ޕޯލޭންޑް ހިމެނެނީ ދެން އެންމެ ގިނައިން ރާއްޖެއަށް ފެބްރުއަރީ މަހު ޓުއަރިސުޓުން ޒިޔާރަތްކުރި 5 ގައުމުގެ ތެރޭގައެވެ.