އަޒްމިރަލްދާގެ އަޑުއެހުން ސިއްރުކުރަން ނިންމައިފި / ސޯޝަލް މީޑިއާ
ހަބަރު
ޖޭއެސްސީގެ ނިންމުން، އަޒްމިރަލްދާގެ އެދުމާ ދެކޮޅަށް!
Mariyam Isaadha
މަރިޔަމް އިސާދާ
09 މާރިޗު 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް ސިއްރުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

މިފަދައިން އެ ކޮމިޝަނުން ނިންމާފައިވަނީ، މާދަމާ (10 މާރިޗު 2025) ހޯމަ ދުވަހު ފަނޑިޔާރު އަޒްމިރަލްދާ އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާއިރު އެކޮމިޝަނުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގަންނަވައިފައިވަނިކޮށެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަޒްމިރަލްދާ ފުރަތަމަ އެންގީ މިއަދު ހެނދުނު 11:00 އަށް އެ ކޮމިޝަނަށް ހާޒިރުވުމަށެވެ. ނަމަވެސް، މިހާރު މާދަމާގެ ގަޑިއަކަށް ތަހުގީގު އަޑުއެހުން ވަނީ ފަސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލަނީ އަޒްމިރަލްދާ ފިރިކަލުން ބަންދަކުން ދޫކޮށްލަން ކުރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައެވެ.

އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.


ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved