ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފުލެޓު ލިބުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް މި ފެށޭ ހަފުތާގައި ފުލެޓުތައް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޑރ. ހައިދަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.
މިދިޔަ ސަރުކާރުގެ ދައުރުނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައެވެ. ލިސްޓު އާންމު ކުރުމާއި އެކީ ގިނަ ބައެއްގެ ޝަކުވާތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވާފައެވެ. އަދި މިދިޔަ ސަރުކާރުގެ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވެސް ވަނީ އޭސީސީގެ އެންގުމާއި އެއްގޮތަށް ފްލެޓް ދޫކުރުން މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.
ނަމަވެސް ފްލެޓް ދީފައިވާ މީހުންގެ ލިސްޓް ރިވިއު ކުރާނެ ކަމަށާއި މިހާރު ފްލެޓްތައް ދީފައިވާ ހުރީ އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ނޫން ކަމަށް ވަޒީރު ޑރ. ހައިދަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެން ކަމުން ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، އޭސީސީގެ ލަފާ ވެސް ހޯއްދަވާނެ ކަމަށް ވަޒީރު ޑރ. ހައިދަރު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ކޮމިޓިގައި ވަޒީރު ވިދާޅުވީ އޭސީސީން ގެދޮރުވެރިޔާ ޕޯޓަލް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަވި މީހުންނަށް ފުލެޓުތައް ހަވާލު ނުކުރެވި އޮތީ ޕޯޓަލް އަށް އެކްސެސް ނުވެވޭތީ ކަމަށެވެ. އެހެން ނަމަވެސް ބެކަޕް ހެދުމަށްފަހު އޭސީސީން ވަރަށް އަވަހަށް ޕޯޓަލް މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށްވެސް ޑރ. ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ ޝަރުތު ހަމަނުވާކަން ކަނޑައެޅިގެން އެނގޭ މީހުންނަށް ފުލެޓް ދޫކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަން އެންމެނަށްވެސް ގަބޫލު ކުރެވޭނެކަމަށް ދެކޭ ކަމަށެވެ. އަދި އެގްރިމެންޓު ހަދާފައިވީ ނަމަވެސް ޝަރުތު ހަމަނުވާ މީހުންގެ އެގްރިމެންޓްތައް ބާތިލް ކުރުމުގެ ބާރު މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ހައިދަރު އިތުރަށް ވިދާޅުވީ ޝަރުތު ހަމަވާ މީހުންނަށް މި ފެށޭ ހަފުތާގައި ފުލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.