

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައި، ޗިޓް ފޮނުވައިފި އެވެ.
އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝިޔާމް ވިދާޅުވީ ޖޭއެސްސީން މިއަދު ނޯޓިސް ފޮނުވާފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށް ހާޒިރުވުމަށެވެ.
އަޒްމިރަލްދާގެ ފަރާތްޕުޅުން އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް ހުށަހަޅުއްވާފައިވީ ނަމަވެސް އިއްޔެ ކޮމިޝަނުން ވަނީ އަޑުއެހުން ހުޅުވާނުލަން ނިންމައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
މަހާޒާއި އަޒްމިރަލްދާގެ މައްޗަށް ތުހުމަތު ކުރަނީ، އަޒްމިރަލްދާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށެވެ.
މި މައްސަލައިގައި އިއްޔެ ވަނީ މަހާޒް ވެސް ޖޭއެސްސީއަށް ހާޒިރު ކޮށްފައެވެ. މަހާޒް ޖޭއެސްސީއަށް ހާޒިރު ކުރުމާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލު ފައިސަލް މުހައްމަދު "އިއްޔެ ވިދާޅުވީ، މަހާޒަށް ކުރާ ތުހުމަތުތަކަށް އޭނާ ޖަވާބުދާރީވެފައި ވާކަމަށެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.