ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް
ހަބަރު
ފަޅު ރަށްތައް ދޫކުރުމުގެ ބާރު ސީދާ ރައީސަށް ލިބިދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 މާރިޗު 2025
މާލެ ސިޓީ

ރިސޯޓްތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކުރަން ފީއެއްގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ނެގުމަށާއި ރަށްތައް ދޫކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހެއް ހުށައަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް އެވެ.

މިއަދުގެ ޖަލްސާގައި ހަމައެކަނި އޮތީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމަށް ހުށަހެޅި މި ބިލުގެ ބަހުސެވެ.

ބިލުގައި އޮތީ މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތަކުގައި އެ ތަނެއްގެ ބިނާވެށި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިޞާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހާރިއްޔާ ކަމަށެވެ.

މިއީ މި ގާނޫނުގެ ފަސް ވަނަ މާއްދާއަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ.

މީގެ އިތުރުން ރިސޯޓުތަކުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން ވަނީ ހުށަހަޅާފަ އެވެ.

މި ގޮތުން ރިޒޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއި ދިނުމުގެ މުއްދަތު އަނެއްކާ ވެސް ހަ މަސް ދުވަހަށް އިތުރުކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ފަހުން ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved