

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި އަޑުއެހުންތަކުގައި ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށް އެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގައި އަޒްމިރަލްދާ ފާހަގަކުރެއްވި ކަންކަން މީޑިއާއާއި މިއަދު ހިއްސާކޮށްދެއްވަމުން ފަނޑިޔާރުގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފިރިކަލުންގެ މައްސަލައެއް ނުފޫޒެއް ފޯރުވަން ކުރި އެއްވެސް މަސައްކަތެއް ނޯންނާނެކަމަށް އަޒްމިރަލްދާ ފާހަގަކުރެއްވި ކަމަށެވެ.
މިއަދު ޖޭއެސްސީގެ ތަހުގީގުގައި، މައްސަލައިގައި ފަނޑިޔާރަށް ކުރާ ތުހުމަތުތަކަށް ފަނޑިޔާރު އިންކާރު ކުރެއްވި. އަސްލެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް ވިދާޅުވި،.. އަދި ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނީ ފަނޑިޔާރު އަޒްމިރަލްދާ ކަމަށް އެންގެވީ. އަޅުގަނޑަކަށް ފުރުސަތެއް ނުދިން އެއްވެސް ވާހަކައެއް ދައްކާކަށް
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މި ވަގުތު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.
މި ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށެވެ.
މި މައްސަލައިގައި އިއްޔެ އަޒްމިރަލްދާ ވަނީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީއެއް ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ ތުހުމަތެއް ވެސް ކުރައްވައިފަ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.