ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް
ހަބަރު
ސަރުކާރުގެ ބޭނުން ފުދުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 މާރިޗު 2025
މާލެ ސިޓީ

ސަރުކާރުން ބޭނުންވި "ކުޅިވަރު" ނިމުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި އެވެ.

މަޖިލިސް މެންބަރަކު ޕާޓީން ވަކިވުމުން ނުވަތަ ކަނޑާލުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން އެ މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި އެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލުގެ މަސައްކަތް ދެ ދުވަސް ތެރޭ ނިންމައި މިދިޔަ މަހުގެ 26ގައި ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސަށް ވަނީ ފޮނުވައިފަ އެވެ.

ނަމަވެސް ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނިގޮތުގައި އެ ބިލު، "އަލުން ވިސްނެވުމަށް އެދިވަޑައިގެން" އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ވަނީ މިއަދު ފޮނުއްވައިފަ އެވެ.

މި ބިލާއި ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން ދަންނަ މީހަކު "ޗެނަލް13" މިރޭ ބުނީ ސަރުކާރުގެ ބޭނުމަކަށްވީ ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ވަދެގަތުމެވެ. އަދި އެ މައްސަލަ ބެލުން ވަގުތީ ގޮތުން ހުއްޓުވާ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ބަދަލުކުރުމެވެ.

އެގޮތުން ޖޭއެސްސީ ލައްވާ ފަޑިޔާރުންނަށް ތުހުމަތުކޮށް އެމީހުންގެ މައްސަލަ ބެލުމަށް ކަމަށް ބުނެ ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ ނަތީޖާ އަކީ މިއަދު ސަރުކާރުން ބޭނުންވި "ކުޅިވަރު" ކުޅުމެވެ.

ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ދުސްތޫރީ މައްސަލަ ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދެއްކެވި ކަމަށް ތުހުމަތުކުރައްވައި އިސްތިއުފާދެއްވައިފަ އެވެ.

ޖޭއެސްސީއިން ވަނީ ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތަހުގީގު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ނަތީޖާ އަކީ މިއަދު މަތީ ކޯޓުގައި އޮތް "ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު"ގެ މައްސަލަ މަޑުޖެހި ސަރުކާރުން ސުޕްރީމް ކޯޓަށް "ކުޅެން" އިތުރު ވަގުތު ލިބުމެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved