ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި / ސޯޝަލް މީޑިއާ
ހަބަރު
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 މާރިޗު 2025
މާލެ ސިޓީ

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވީއިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަނި ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ހުސްނުއްސުއޫދު މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު، މިއަދު ހެނދުނު 11 ގެ ނިޔަލަށެވެ.

މުއްދަތު ހަމަވިއިރު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.

ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޑެޕިއުޓީ ޕީޖީ ކަން ކުރައްވައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ނިހާޔަތު ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އަކަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރު ތެރޭގަ އެވެ.

ނިހާޔަތު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕީޖީގެ މަގާމަށާއި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެ އެވެ.

އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved