ޕީއެންސީ ޕީޖީ ގްރޫޕު / ސޯޝަލް މީޑިއާ
ސިޔާސީ
އަދުރޭ ފެއަށް ޖައްސާ ބޮޓޭކޯއަށް ޕީއެންސީ ހިންގުން ހަވާލުކޮށްފި
12 މާރިޗު 2025
މާލެ ސިޓީ

ޕީއެންސީގެ ޗެއަރ ޕާސަން އަބްދއްރަހީމު އަބްދުﷲގެ އަތުން އެ ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ނަގާ، ޕާޓީގެ ހިންގުން އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއަށް ހަވާލުކޮށްފި ކަމަށް ހަބަރުތައް ލިބިއްޖެއެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޕީއެންސީ ހިންގުމުން އަބްދުއްރަހީމް ދުރުކޮށްފައިވާކަން ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނަށް މިހާރު ވަނީ އަންގާ އަދި މީގެ ފަހުން ޕާޓީ ހިންގުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވާތީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ކަމަށް ވެސް އަންގާފައެވެ.

މީގެ އިތުރުން ޕާޓީގެ އިދާރީ އިސް ބޭފުޅުންނަށްވެސް މިހާރު ވަނީ އެކަން އަންގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު މިކަން ނިންމެވިތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް ފަލާހުއާ ޕާޓީ ހިންގުން ހަވާލުކޮށްފައިވަނީ އަނގަބަހުންނެވެ. ނަމަވެސް ޕީއެންސީގެ ރަސްމީ ބަހެއް މިކަމުގައި އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފަލާހުއާ ޕީއެންސީ ހިންގުން ހަވާލުކޮށްފައިވާއިރު، މީގެ ކުރިން އެ ޕާޓީގެ އޮފީހުގައި ހުރި އަބްދުއްރަހީމުގެ ކެބިންގެ ތަޅުވެސް އޭނާއަށް އެނގުމަކާ ނުލާ ބަދަލުކޮށް އެ އޮފީހަށް ވަނުންވެސް ޕާޓީގެ އިސް ފަރާތްތަކުން ވަނީ އަބްދުއްރަހީމަށް އަންގާފައެވެ.

ފަލާހުއާ ޕާޓީ ހިންގުން ހަވާލުކޮށްފައި މިވަނީ، ޕީއެންސީގެ ލީޑަރު އަދި ރައީސް މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ މިފަހުން މައްސަލަތަކެއް ޖެހިފައި ވަނިކޮށެވެ. ދެ ބޭފުޅުން ދެމެދު އޮތް ގާތް ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސް، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ރައީސް މުއިއްޒު ވަނީ ވަކި ކުރައްވާފައެވެ.

ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ ރައީސަށް ފަހު އެންމެ އިސް މަގާމެވެ. އެގޮތުން، ޗެއާޕާސަންގެ މަސްއޫލިއްޔަތަކީ ޕާޓީގެ ރައީސްގެ ލަފައާ އެކު ޕާޓީގެ އަސާސީ ގަވައިދާއި ސިޔާސަތުތަކާ އެއްގޮތަށް ޕާޓީ ހިންގުމެވެ. އެހެންކަމުން އަބްދުއްރަހީމު އަތުން ބާރުތައް ނަގާ ރައީސް މުއިއްޒު ޕާޓީ ހިންގުން ފަލާހުއާ ހަވާލުކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށެވެ.

ޕީއެންސީ ވަރުގަދަ ކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ގިނަ ވޯޓު ދެއްވި މެމްބަރުން ތިބި ޕީޕީއެމްވެސް އުވާލާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved