

ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މުއްދަތު އިތުރުކޮށް އަލުން ހުޅުވައިލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ހުސްނުއްސުއޫދު މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު، މިއަދު ހެނދުނު 11 ގެ ނިޔަލަށެވެ.
މުއްދަތު ހަމަވިއިރު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.
ޖޭއެސްސީން މިއަދު އަލުން ކުރި އިއުލާނެއްގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ނަމަވެސް ހޯމަ ދުވަހު ކުރި އިއުލާނާ ގުޅިގެން ފޯމު ހުށަހެޅި މީހުން، އަލުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް ވަނީ ބުނެފައެވެ.
އަލުން އިއުލާނުކޮށްފައިވާއިރު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނީ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވީ، ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.
މި ފަނޑިޔާރުން ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން ދަނީ، ޕާޓީން ކަނޑައިލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައި، މައްސަލަ ނިމެންދެން އެ އިޖުރާއަތަށް އަމަލުކުރުން ހުއްޓުވުމެގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަ ތަން ވެފައި ވަނިކޮށެވެ.