

ސަރުކާރުގެ މަސް ކުންފުނި (މިފްކޯ)ގެ ހިންގުން ހަރަދަނާކުރުމުގެ ނަމުގައި، އެ ކުންފުނިން ކުރި ވަކިކޮށްފައި ތިބި ބަޔަކަށް ވަޒީފާ އަނބުރާ ދީފިއެވެ.
"ތޭރަ އޮންލައިން" އަށް މައުލޫމާތު ހިއްސާކުރަމުން ނަން ހާމަނުކުރުމަށް އެދި މިފްކޯގެ ސީނިއަރ މުވައްޒަފަކު ބުނެފައިވާ ގޮތުގައި، މިދިޔަ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް އަލުން ވަޒީފާ ދީފައިވަނީ މިހާރުގެ ސީއީއޯ ފަރުހަތު ޝަހީރުގެ ނުފޫޒުންނެވެ.
ވަޒީފާ އަލުން އަނބުރާ ދިން މެނޭޖަރުންނަކީ:
ލޯކަލް ސޭލްސް އެންޑް މާކެޓިން ޖެނެރަލް މެނޭޖަރު - އައިޝަތު ރިޔާޒާ
ބިޒްނަސް ޑިވެލޮޕްމަންޓު ޖެނަރަލް މެނޭޖަރު - އައިމިނަތު ސަނިއްޔާ ޝަރީފު
ޕްރޮކިޔުމަންޓް ޖެނެރަލް މެނޭޖަރު - ހަސަން ޒާހިދު އެވެ.
މި ތިން މީހުންވެސް ވަޒީފާއިން ވަކިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން އެ ކުންފުނި ހަރުދަނާކުރަން އެޅި ފިޔަވަޅެއް ކަމަށް ބުނެ ނަމަވެސް، އެ ނިންމުމަށް މަސް ދުވަސް ވެސް ނުވަނީސް އެ އެންމެނަށް އަލުން ވަޒީފާ ދިނުމުން ގިނަ ބަޔަކު ތިބީ މިވާ ގޮތަކާ މެދު ސުވާލު އުފެދިފައެވެ. މިކަމާ ގުޅޭ ގޮތުން މިފްކޯގެ ބަހެއް ހޯދާލަން މަސައްކަތް ކުރި ނަމަވެސް އަދި ވަކި ޖަވާބެއް ލިބިފައިނުވެއެވެ.
މީގެ އިތުރުން މި ތިން މީހުންނަށް ވަޒީފާ އަލުން އަނބުރާ ދިނީ އިދާރީ އޮޅުމަކުން ވަޒީފާއިން ވަކކުރެވިގެން ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް މީގެ ކުރިން ތިން މީހުން ވަޒީފާއިން ވަކި ކުރީ ތިން މަހުގެ "ސެވެރަންސް ޕޭ" ވެސް ދިނުމަށް ފަހުގައި ކަމަށްވާއިރު، ތިން މީހުންނަށް އަލުން އިއުލާންކުރުމެއް ނެތި ވަޒީފާ ދިން އިރު މި ފައިސާ ވެސް އަނބުރާ ނުނަގާއެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ ނަމުގައި، ކުރިން މަގާމުތަކުން ވަކިކޮށްފައި ތިބި ބަޔަކަށް އަލުން ވަޒީފާދީފައިވާ ސަބަބު މިފްކޯއިން ހާމަކޮށްފައިނުވެއެވެ.