

މި ސަރުކާރުގެ ދަރަނި 130،000 މިލިއަނަށް އަރާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންފްލޭޝަން މިވަގުތު އުޅެނީ 8 ޕަސެންޓަށް ވުރެ މަތީގައި ކަމަށް ގަބޫލުކުރައްވާ ކަމަށާއި ސަރުކާރުން ފައިސާ ޗާޕުކޮށްފިނަމަ އިންފްލޭޝަންގެ އަދަދު އެއަށް ވުރެ ވެސް މައްޗަށް އަރައިގެންދިޔުމާއެކު ދިވެހި ފައިސާގެ ބާރު ދަށްވެގެންދާނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ މި ސަރުކާރުގައި މިހާތަނަށް އަރާފައިވާ ދަރަންޏާ ގުޅުވައި ވާހަކަދައްކަވާފައެވެ.
އެގޮތުން، މިދިޔަ 15 މަސް ތެރޭ 130،000 މިލިއަނަށް އަރާފައިވާ ކަމަށެވެ. އެސްއޯއީގެ ދަރަނި 60،000 މިލިއަނާ ގާތްކުރާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެގޮތުން އެއްވެސް އެސްއޯއީއެއްގައި ފައިސާއެއް ނުހުންނަ ކަމަށާއި އެ ފައިސާތައް އަބަދު ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޑޮލަރުން ދަރަންޏެއް ދައްކާ ކޮންމެ ފަހަރަކު ފައިސާ ޗާޕުކުރެވޭނަމަ ފައިސާގެ އަގު ބޮޑު ތަނުން ވެއްޓި، އިގުތިސާދަށް ލޮޅުން އަރާނޭ ވަރަށް ނިކަން ބައިވަރު ފައިސާ ނެރެން ޖާގަ ލިބޭނެ ކަމަށެވެ.
ދައުލަތުގެ ދަރަނި މި 15 މަސް ތެރޭ އިބްރާހީމް މުޙައްމަދު ޞާލިޙްގެ 160،000 މިލިއަންގެ އިތުރަށް މި ސަރުކާރުގެ އެކަނި ދަރަނި މިހާރު 130،000 މިލިއަނަށް އަރައިގެން ދިޔައިއްޔޭ. އަދި، އެސްއޯއީގެ ދަރަނި ކައިރި ކުރޭ އެބަ 60،000 މިލިއަނާ،
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވަމުންދާއިރު ވެސް މިކަމުގެ ތެދު މައުލޫމާތު ދެއްވަން ފިނޭންސް މިނިސްޓަރު ނޫޅުއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ދަރަނި ހަބޭހަށް އަރައިގެންދާއިރު ބޭރުން އެއްވެސް ފައިސާއެއް ރާއްޖެއަށް ނުގެނެވޭ ކަމަށާއި އަދި އެއްވެސް ގައުމަކުން ވެސް ރާއްޖެއަށް ފައިސާ ނުދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ މި ހާލަތުގައި ސަރުކާރުން ފައިސާ ޗާޕުކޮށްފިނަމަ އެއީ އަނެއްކާވެސް "ރިހޭމައްޗަށް ފޮއި ވެއްޓުން" ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ.
އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފަ އެވެ.