

ރައީސް ޑރ މުހައްމަދު މުއިއްޒު ފޯންއިން ގުޅާ އަދަދު ނޫހުގެ ޗީފު އެޑިޓަރ ހުސެއިން ފިޔާޒުއަށް އިންޒާރުދިން މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ބަޔާން ނެރެފިއެވެ.
އެ ޖަމްއިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަދަދުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދެއްކެވުން ކުށްވެރި ކުރާ ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ގޮވައިލާ ކަމަށެވެ.
މީގެ އިތުރުން އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރު މަތިން ލިބިފައިވާ އިންޒާރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުން ކަންބޮޑުވުންވެސް އެމްޖޭއޭއިން ފާޅުކޮށްފައިވެއެވެ.
ހަމައެހެންމެ މީޑިއާއަކުން ގެނެސްދޭ ހަބަރެއްގައި ނުވަތަ ކޮންޓެންޓެއްގައި މައްސަލައެއް އުޅޭނަމަ، އެކަމެއް ހުށަހަޅަން ޖެހޭނީ އެކަމާ ބެހޭ މުއައްސަސާއަށް ކަމަށާ އެ ނޫން ގޮތަކަށް ނޫސްވެރިންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމައް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދަދުގެ ނޫސްވެރިންނަށް ދީފައިވާ އިންޒާރުތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ފާއިތުވީ އެއް އަހަރުދުވަހުގެ ތެރޭގައި ތަކުރާރުކޮށް އެ ނޫހުގެ ނޫސްވެރިންނަށާއި ނޫސްވެރިންގެ އާއިލާތަކަށް ވެސް އިންޒާރު ދީ ބިރު ދައްކާފައިވާކަމަށް އަދަދުން ހާމަކުރެއެވެ.
އެގޮތުން ސަރުކާރުގެ ވެރިންގެ ފަރާތުންވެސް އެފަދަ ކަންކަން ތަކުާރުވަމުން އައިސް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާވެސް އެ ނޫހުގެ ނޫސްވެރިއަކަށް އިންޒާރު ދެއްވީކަމަށެވެ.