މީޑީއާ ކައުންސިލް އިދާރާ / މޯލްޑިވްސް މީޑިއާ ކައުންސިލް
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިޔާ ފިޔާޒުއަށް ބިރު ދެއްކި މައްސަލަ މީޑިއާ ކައުންސިލުން ބަލަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 މާރިޗު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒުއަށް ފޯންއިން ގުޅާ ބިރު ދެއްކި މައްސަލައިގެ މައުލޫމާތު ސާފު ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހާޒިރުވުމަށް އެ ކައުންސިލުން ފިޔާޒުއަށް އަންގައިފި އެވެ.

ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ ހުކުރު ދުވަހުގެ ރޭ އިރާކޮޅު 7:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.

ރައީސް މުއިއްޒު ފޯނުން ފިޔާޒަށް ގުޅުއްވައި ވަރަށް ކޯފާވެފައި ހުންނަވައިގެން "އަދަދު ނޫހާއި ފިޔާޒާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ" ކަމަށް ވިދާޅުވެ، އިންޒާރުދެއްވި ކަމަށް އަދަދު ނޫހުގެ ބަޔާނުގައިވެ އެވެ.

އަދަދުގެ ނޫސްވެރިޔާ ފިޔާޒުއަށް ފޯނުން ގުޅާ ރައީސް މުއިއްޒު އިންޒާރުދިނީ ކޮން ކަމަކާ ގުޅިގެން ކަމެއް ހުދު ފިޔާޒުއަށް ވެސް ނޭނގެއެވެ. މި މައްސަލަ މިހާރު ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.

މި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެމްޖޭއޭއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އިންޒާރުގެ ސަބަބުން ފިޔާޒު އާއި މި ނޫހުގެ ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ނޫސްވެެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ނޫސްވެރިޔާ ފިޔާޒަށް ބިރުދެއްކެވި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން މިއަދު ބުނީ ނޫސްވެރިކަން ކުރުމަށް މިނިވަން މާހައުލެއް ފަހިވެފައި އޮތުމަކީ ޑިމޮކްރެޓިކް މުޖުތަމައުއެއް ދުޅަހެޔޮކޮށް އޮތުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved