މަޖިލިސް ތަޅުން / -
ހަބަރު
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ބިލް ދިރާސާކުރަން އަލުން ކޮމިޓީއަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 މާރިޗު 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފަހަކަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ މެދު އަލުން ވިސްނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލައްވާފައިވާތީ، އެ ބިލް އަލުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީޖުން ފެބްފުއަރީ 26 ގައި ފާސްކޮށް ފޮނުވި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީމި މަހުހެ 11 ގަ އެވެ.

އެހެންވެ ބިލާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރީ މިއަދުގެ ޖަލްސާގަ އެވެ.

ނަމަވެސް ބިލު ބޭރުކޮށްލުމުގެ ބަދަލުގައި އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުން ފާސްވީ ޕީއެންސީއަށް ނިސްބަތްވާ 50 މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަ މެންބަރަކާއި އެމްޑީއޭ އަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ ހުށަހަޅުއްވައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ވެސް މި ބިލު ފާސް ކުރުމަށް އޭރު ނެރުނެވެ. އަދި އެ ވިޕާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފަލާހު ދެއްވާފައިވެ އެވެ. މި ބިލާ ގުޅިގެން ގިނަ ވަކީލުންނާއި ބާ ކައުންސިލް އަދި އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އަވަސް އަރުވާލައިގެން އޭރު މަޖިލީހުން މި ބިލު ފާސްކޮށްފައި ވަނީ، މިކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފައަށް ވެސް ރިއާޔަތް ކުރުމެއް ނެތި އެވެ. އެެހެންވެ، އެ ދުވަހުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީ މެންބަރުން އެކަމާ އިހްތިޖާޖު ވެސް ކުރި އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން އޭރު ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ ބިލް ފާސްކުރީ އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ އެ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމާ އެކު މި ވަގުތު އޮތީ ހުއްޓިފަ އެވެ.

އެ ބިލާ މެދު ގާނޫނީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، ބާ ކައުންސިލްގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެންވެ، ބިލު ތަސްދީގުނުކުރައްވައި، އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެ ކައުންސިލުންވަނީ އެދިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved