

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ދައުވާ ކުރުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އޭސީސީއަށް ހުށަހެޅުއްވި މައްސަލަ އެ ކޮމިޝަނުން ބަލައިގެންފި އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ސުޕްރީމް ކޯޓުން މި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ނަމަވެސް، ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ.
ޝާމިލްއަށް ފޮނުވި ސިޓީގައި އަޒްމިރަލްދާ ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވިޔަސް، އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ވެސް އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުންކަމަށް އަޒްމިރަލްދާ ވިދާޅުވެފައިވެ އެވެ.
މިގޮތުން، އޭސީސީގެ ސިޓީ ފޮނުވާފައިވަނީ އާންމު އުސޫލުގެ ދަށުން ޖެމްސް މެދުވެރިކޮށް ނޫންކަމާއި އެ ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން އަޒްމިރަލްދާ ވިދާޅުވި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ ބަލައިގަނެ މިހާރު އޭސީސީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އަޒްމިރަލްދާ ތުހުމަތުކުރެއްވި ގޮތުގައި ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ފޮނުވި ސިޓީއަކީ، ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން ކޮށްފައިވާ ކަމެކެވެ.
އަދި ޝާމިލްގެ މި އަމަލުތަކަކީ، ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖިނާއީ ކުށުގެ މި ޢަމަލު އަވަސްގޮތެއްގައި ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.