

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުގެ އެދުނީ ބަޖެޓް ފައިސާ ބޮޑުކޮށްދޭން ކަން ހާމަ ވެއްޖެ އެވެ.
އޭސީސީން އެދިގެން އިއްޔެ ބޭއްވި ކޮމިޓީގެ އެޖެންޑާގައި އޮތީ އޭސީސީގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ކޮމިޓީއާ މަޝްވަރާކުރުމެވެ. އެ ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ކޮމިޓީގެ ބައްދަލުވުން ސިއްރުކުރާ ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.
އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސްއޮފިޝަލަކު މިއަދު "ތޭރަ އޮންލައިން" އަށް ބުނީ އެ ބައްދަލުވުމުގައި އޭސީސީން ވަނީ މިހާރު އޮންނަ ބަޖެޓު ކުޑަ ކަމުގެ ޝަކުވާ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފަ ކަމަށާއި އަދި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބަޖެޓު ބޮޑުކޮށްދޭން އެ ކޮމިޝަނުގެ ވެރިން އެދުނުކަން އިތުރު އެހެން މަސްދަރުތަކުން ވެސް ވަނީ ކަށަވަރު ކުރެވިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މަޖިލިސް މެމްބަރަކު ވެސް ނަންނުޖެހުމަށް އެދި ވިދާޅުވީ، އޭސީސީން މަޝްވަރާކުރީ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކާއި އުނދަގޫ މައްސަލަތައް އަވަހަށް ތަހުގީގުކުރަން އޮފީހެއް ގާއިމްކުރުމާ ގުޅޭ ގޮތުންނެވެ.
އޭގެ ތެރެއިން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން އެ ކޮމިޝަންގައި ސީރިއަސް ފްރޯޑުގެ ނަމުގައި ވަކި އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެ މެމްބަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ އޭސީސީން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތުތައް އޮޅުން ފިލުވުމެވެ.
އެންސްޕާ އޮފީސް އިމާރާތް ކުއްޔަށް ދިން މައްސަލައާ ގުޅޭ ގޮތުން ބައެއް މައުލޫމާތުތައް ވެސް އޮޅުން ފިލުވަން އިއްޔެގެ ބައްދަލުވުމުގައި ނިންމި އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 48 މިލިއަން ރުފިޔާ އަދި އޭގެ ކުރީ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ އޭސީސީއަށް ހަމަޖައްސާފައިވެ އެވެ. މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ވެސް އޭސީސީގެ ހަރަދުތަކަށް 50 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ނަމަވެސް މިހާ ގިނަ ފައިސާ ރައްޔިތުންގެ އަތުން އޭސީސީއަށް ހޭދަކުރަން ޖެހޭ އިރު ޒިންމާ އަދާނުކުރެވޭ ކަމަށާއި، ރާއްޖޭގައި ހިނގާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީގައި ޕާކް ކުރާ ކަމުގެ ޝަކުވާ އަބަދު ވެސް އޮވެ އެވެ.
އޭސީސީގެ މިހާރުގެ ރައީސްގެ މައްސަލައެއް ވެސް އެ ކޮމިޝަނުގައި މިހާރު ވެސް ތާށި ކޮށްފައި އެބަ އޮތެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުالله ޝަރީފް އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ.