

ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ އެކައުންޓަށް 5 މިލިއަން ރުފިޔާއެއް ޖަމާވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލިސް މެމްބަރު އަޙުމަދު ސަލީމް (މާޒް ސަލީމް)އެވެ.
މާޒް ސަލީމު ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، ހައުސިން މިނިސްޓަރު ކަމުގައި ޑރ.މުޢިއްޒު ހުންނެވިއިރު، 2016 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން، 2018 ވަނަ އަހަތުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި 5،254،252 ރުފިޔާ އާއި، 1560.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ރައީސް މުޢިއްޒުގެ އެކައުންޓަށް ޖުމުލަ 5،494،804.00 ރުފިޔާ (ފަސްމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް އަށެއް ސަތޭކަ ހަތަރެއް) ދިވެހި ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން ހާމަވެފައި ވަނީ، 2024 ވަނަ އަހަރު އާންމުވި މަރުކަޒީ ބޭންކުގެ ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓުގައި ކަމަަށް ވެސް މައްސަލައިގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން ބުނެފައި ވަނީ، އެފްއައިޔޫގެ ރިޕޯޓުގައި ހާމަކޮށްފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން ޑރ. މުޢިއްޒުގެ އެކައުންޓަށް ޖަމާވި ފައިސާތަކުގެ ބޮޑެތި އަދަދުތަކާއި، އަދި ޑރ. މުޢިއްޒު ދިވެހިރާއްޖޭގެ ބޭންކުތަކަށް އޮޅުވާލުމަށް ކުރައްވާފައިވާ ޣައިރު ޤާނޫނީ ކަންކަމުގެ ތަފްސީލު ކަމަށެވެ.
ހަމައެހެންމެ ޑރ. މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު، ބޭރުގެ އެކި އެކި ކުންފުނިތަކާ ހަވާލު ކޮށްގެން ރާއްޖޭގައި ހިންގުނު ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއުތައް ހިންގި ކުންފުނިތަކުން ގިނަ އަދަދެއްގެ ޑޮލަރު ޑރ. މުޢިއްޒުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ވިންރަން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ތިން ފަހަރެއްގެ މަތިން 24،348.77 (ސައުވީސް ހާސް، ތިން ސަތޭކަ ސާޅީސް އަށެއް ޕޮއިންޓު ހަތެއް ހަތެއް) ޑޮލަރު ޖަމާ ކުރުމާ، އަދި ސިނަމާލެ ބުރިޖާ ގުޅިގެން ހައިވޭ ތަރައްޤީ ކުރި ހުނާން ކޮންސްޓުރަކްޝަނުން ހަތަރު ފަހަރެއްގެ މަތިން ޖުމްލަ 70،449.00 (ހަތް ދިހަ ހާސް ހަތަރު ސަތޭކަ ސާޅީސް ނުވަ) އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ހަމަ އެހެންމެ، ޑރ. މުޢިއްޒުގެ އެކައުންޓަށް އެ ޑޮލަރުތައް ޖަމާވުމުގެ ކުރިން، 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީ އިން، ހުނާން ކޮންސްޓްރަކްޝަން އަށް 105،950 (އެއް ލައްކަ ފަސް ހާސް ނުވަ ސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ފައިސާ އަކީ ޑރ. މުޢިއްޒުގެ މިނިސްޓަރުކަމުގައި އެކުންފުންޏަށް ދިން މަޝްރޫއެއްގެ ފައިސާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން ރަސްމީ ވާޖިބު އަދާ ކުރުމުގައި ހިންގާ އެކަށީގެން ނުވާ ޢަމަލުތަކާއި، ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު ބޭނުން ކުރުމުގެ އެ މައްސަލަ އޭސީސީ އިން ބަލައި ދިނުމަށް އެދޭ ކަމަށް މައްސަލައިގައިވެއެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ އޭސީސީއިން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގު ކޮށްދިނުމަށް ވަނީ ހުށަަހަޅައިފައެވެ.
މާޒް ސަލީމު ކުރީގެ ހައުސިން މިނިސްޓަރާ ގުޅުން ހުރި ބޮޑު ފައިސާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، ކުރީގެ ހައުސިން މިނިސްޓަރު މުޢިއްޒު މިހާރު ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައެވެ.