އދ. ގެ ހާއްސަ ރެޕަޓުއާ މާގަރެޓް / ސޯޝަލް މީޑިއާ
ހަބަރު
ސުޕްރީމު ކޯޓަށް ނުފޫޒު ފޯރުވާ މައްސަލަ އދ އިން ބަލަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
18 މާރިޗު 2025
މާލެ ސިޓީ

ދިވެހި ސަރުކާރުން ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމު ކޯޓަށް ނުފޫޒު ފޯރުވާ މއްސަލަ އދ އިން ބަލަމުންދާ ކަމަށް ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމާއި އެ ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ހިނގަމުންދާ ކަންކަމުގެ ވާހަކަ ރިޕޯޓު ކޮށްފައި އޮތް ދިވެހި އާޓިކަލްއެއްގެ ލިންކު ޝެއާރ ކުރައްވައި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ، މާގަރެޓް ސެޓާތުވައިޓް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ބެންޗުގެ އަދަދު މަދުކޮށް, ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ.

މާގަރެޓް މިފަދަ ޕޯސްޓެއް ކުރައްވާފައިވާއިރު ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދާ އަދި މިވަގުތު ސަސްޕެންޝަންގައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުވެސް ވަނީ އދ އަށް އެ މައްސަލަ ހުށަހަޅުއްވާފައެވެ.

އެ ބޭފުޅުން ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި މައްސަލައިގެ ތެރެއަށް ވަދެ، ފަނޑިޔާރުންނާ މެދު އަޅާފައިވާ ޣައިރު ދުސްތޫރީ ފިޔަވަޅު ބާތިލްކުރަން ސަރުކާރަށް ގޮވާލުމަށެވެ.

މީގެ އިތުރުން ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތާއި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ގާނޫނަށް ގެންނަ އުޅުނު ބަދަލާ ގުޅޭ ތަފްސީލްތައް ހިމަނާފައިވެ އެވެ. އަދި ސަރުކާރުން އެ ފިޔަވަޅުތައް އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލުމަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ހަމަ އެހެންމެ އެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށް ކުރަން މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ ބިލު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އަޅައި އެ ކޯޓުން ބަލަމުން ދިޔަ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބޭރު ކޮށްލުމަށް އަންގައި ނުފޫޒު ފޯރުވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުން އދ އަށް ހުށަހެޅުއްވި މައްސަލައިގައި، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ހަމައިން ދެން ކަންތައްތައް ވެގެންދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ލިޔުއްވާފައިވެއެވެ.

ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލަ ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އެ ދެ ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގައިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved