

ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ޝަހީދު އައްޔަން ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. އެއީ ވޯޓުގައި ބައިވެރިވި އެންމެނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.
ފަނޑިޔާރު ހުސެއިން ޝަހީދު ވަނީ އައްޑު ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޟީކަމުގެ މަގާމު އަދާކުރައްވާފައެވެ. 2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޒް ހުސައިން ޝަހީދުއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ 18 ނޮވެންބަރު 2022ން ފެށިގެންނެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. އެ ކޯޓަށް ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވިއިރު ދެ ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، ފަނޑިޔާރުން ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ.