ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޖޭއެސްސީއަށް ހާޒިރުވަނީ / މިހާރު
ހަބަރު
އަޒްމިރަލްދާ ބަޔާން ނެރޭތީވެސް ސުލޫކީ މައްސަލަ ބަލަން ނިންމައިފި
Mariyam Isaadha
މަރިޔަމް އިސާދާ
19 މާރިޗު 2025
މާލެ ސިޓީ

ސުޕްރީމު ކޯޓަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް ޖޭއެސްސީ މެދުވެރިކޮށް ކުޅެމުންދާ ކުޅިގަނޑާ ދެކޮޅަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ބަޔާން ނެރޭ މައްސަލައިގައި ވެސް އެކަމަނާގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމައިފިއެވެ.

ޖޭއެސްސީއިން މިފަދައިން ނިންމާފައިވަނީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ނުވަތަ އޭނާ މަސައްކަތް ކުރަމުންދާ ކޯޓަކާ ގުޅޭ ގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ދީގެން ނުވާނެ ކަމަށް ބުނާބުނުމުގެ އަސާސުގައި ހިފައިގެންނެވެ. ނަމަވެސް މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނުގައި އޮވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސީދާ ބަޔާން ނެރޭ ކަމަށް ބުނެ ޖޭއެސްސީއިން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވަނީ ޖޭއެސްސީގެ އަންގާރަ ދުވަހުގެ ބައްދަލުވުމުގައެވެ. މި މައްސަލަ ހުށަހެޅުމުން ޖޭއެސްސީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި މައްސަލަ ހޫނުވެގެން ދިޔަވެސް މެއެވެ. އެގޮތުން ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރުން މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ.

ނަމަވެސް ޖޭއެސްސީގެ ގިނަ މެންބަރުންގެ ވޯޓާ އެކު މައްސަލަ ބަލަން ނިންމީ ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ސަރުކާރުގެ ނުފޫޒުން އެކަން ޖޭއެސްސީއިން ބަލަން ފަށަފައިވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށް ތަސްދީގުކޮށްފައިވާ ބިލުގެ ދުސްތޫރީ މައްސަލަ ބަލަން އެ ކޯޓުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބަލަން ނިންމާފައިވެސް ވެއެވެ. ނަމަވެސް ނުފޫޒު ފޯރުވިކަމަށް ބުނާ ބުން ފަނޑިޔާރު އަޒްމިރަލްދާ ވަނީ ދޮގުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved