

ޖުޑިޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ މީހުން ނުބައިތިއްބާނެ ކަމަށަ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު، އަހުމަދު އަޒާން މަރުޒޫގު ހަނދާން އައުކޮށްދެއްވައިފިއެވެ.
އަޒާން މިފަދައިން ގޮވާލެއްވީ، ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރުން ސަރުކާރުގެ ނުފޫޒުން ޖޭއެސްސީއިން ސަސްޕެންޑުކުރުމާ ގުޅިގެން އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާ ސުޕްރީމު ކޯޓުގެ ފަނޑިޔާރެއްގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރެއްވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެ މަގާމަށް އައްޔަން ކުރުމަށް ރައީސް މުއިއްޒު ފޮނުއްވި މައްސަލައާ ގުޅޭ ގޮތުން ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަސްހުކުރައްވަމުންނެވެ.
އެ ރިޕޯޓަށް ބަހުސް ކުރައްވާ ވާހަކަ ދެއްކެވި ހަމައެކަނި މެމްބަރަކީ އަޒާން ކަމަށްވާއިރު އަޒާމްން ވަނީ ކޯޓުތަކަށް ރަނގަޅު ފަނޑިޔާރުން އައްޔަންކުރުމުގެ އިތުރުން، މުޅި ނިޒާމް ވެސް އިސްލާހު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއާ އެކު، އޭނާ ހަނދާންކޮށްދެވީ މިދިޔަ ރިޔާސީ ކެމްޕެއިންގައި އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުއިއްޒު ޖޭއެސްސީ އިސްލާހު ކުރުމަށް ވެވަޑައިގެންނެވި ވައުދަށެވެ.
އެގޮތުން ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ހަނދާނަށް ގެންނަވަމުން އަޒާން ވަނީ، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދައުލަތުގެ ބަންޑާރަނައިބު ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހު ކުރުމަށް ވީ އެންމެ އަވަހަކަށް ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅައިދެއްވުމަށް ގޮވާލައްވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ ވައުދު ނުފުއްދުނުކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ 19 ވަނަ މަޖިލީހުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އޭރު ދެ ފަހަރެއްގެ މަތިން ޖޭއެސްސީ އިސްލާހު ކުރުމަށް ހުށަހެޅުއްވި ނަމަވެސް، އޭރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެއަށް ތާއީދު ނުކުރި ކަމަށެވެ.
އެހެންނަމަވެސް މިއަދު 20 ވަނަ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ތިއްބެވީ އެފަދަ ބިލެއް ހުށަހަޅުއްވައިފި ނަމަ ވަގުތުން ފާސް ކުރުމަށް ތައްޔާރަށް ކަމަށްވެސް އަޒާން ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީ އިސްލާހުކޮށް ސިޔާސީ މީހުން އެ ކޮމިޝަނުން ދުރުކުރުމަށް ރައީސް މުއިއްޒު ވެވަޑަިއގެންފައިވާ ވައުދު ފުރިހަމަ ކުރެއްވުމަށް ޕީއެންސީގެ މަޖިލިސް މެމްބަރު އަޒާން ގޮވާލައްވާފައިވާއިރު، ސަރުޚާރުން ވަނީ ޖޭއެސްސީއަށް ނުފޫޒު ފޯރުވާ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް އެ ކޯޓުގެ ގިނަ މަސައްކަތް ހުއްޓުމަކަށް ގެނެސްފައިކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ސަރުޚާރުން މެމްބަރުން ގޮނޑިއާލާ ބަނދެލުމަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލައިގެ އަޑުއެހުންތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.