
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ދުރު ވިސްނޭ ސިޔާސަތު ދައްކުވައިދޭ މަސައްކަތެއްކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ އިސް ސަފުގައި ހަރަކާތްތެެރިވަމުން ގެންދާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރުން އެކި އުޒުރުތައް ދެއްކުމަށްފަހު ވީއައިއޭ ހުޅުވުން ލަސްކުރުމާއި ގުޅިގެން ވައްޑެވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ކިތައްމެ ވަރަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ފޮޓޯ އޮޕަރޭޝަން ޖައްސާ އެތަން ހުޅުވުން ލަސްކުރި ނަމަވެސް ވީއައީއޭ އަކީ ރައީސް ޔާމީންގެ މަސައްކަތެއްކަމަށް ދިވެހި ރައްޔިތުން ހެކިދޭނެކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ތާރީހު އޮޅުވާ ނުލެވޭނެކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ވީއައިއޭ ތަރައްގީކޮށް ފަސިންޖަރުންނަށް ދޭ ހިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫއަކީ ރައީސް ޔާމީންގެ ޒައާމަތުގައި އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން އެމަނިކުފާނުގެ ޕްލޭނުގައި އޮތީ 7.2 މިލިއަނަށް ވުރެއް ގިނަ ޕަސެންޖަރުންނަށް ޚިދުމަތް ދެވޭނެ އުސޫލެކެވެ. އަދި އާ ޓާރމިނަލް އޭރިއާ އާއި އޭޕްރޭން ސަރަހައްދު ބޮޑު ކުރުމުގެ މަސައްކަތް ވެސް ފެއްޓެވިއެވެ.
އެއާއެކު ސީޕްލޭން ޕަސިންޖަރުންނަށްވެސް އައު ޓާމިނަލްއެއް ވަނީ ގާއިމްކޮށްދެއްވާފައެވެ. ވީއައިއޭ ތަރައްގީކުރުމަށް ރައީސް ޔާމީންވަނީ އެއް ބިލިއަނަށްވުރެ ގިނަ، ފައިސާގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވާފައެވެ.










