

ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ދިގު ދަންމަމުން ދާތީ ރައީސް އަބްދުﷲ ޔާމީންގެ ފާޑުކިޔުން އަމާުޒކުރައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޣައްޒާގައި ރައްޔިތުން ކަތިލަމުން ރައްޔިތުންނަށް ތުރާލާ ޖެއްސުން ކުރަމުން ގެންދާއިރު އެއިން ކަމެއް ދިވެހި ވެރިންނަށް ފެނި އެއިން ކަމަކާ މެދު ބަސްބުނެލަން ކެރިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ރަމަޟާން މަސް ފެށުނީއްސުރެވެސް ޣައްޒާގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހްރޫމުކޮށްފައި ތިބިއިރުވެސް އެއިން ކަމެއް ކުށްވެރިކޮށްލާ ބަހެއް ބުނެލަން ވެސް ދިވެހި ސަރުކާރަށް ނުކެރުނުކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ދިވެހި ސަރުކާރުން އެކަމާ އެކްޝަނެއް ނުނަގާ ތިބެނީ ސަހްޔޫނީންނާ މި ސަރުކާރުގެ ވެރިންނާ ގުޅުމެއް އޮތުުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ގައްޒާގެ ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ އެ ރައްޔިތުންގެ ނަސްލު ހޭދަ ކުރަމުންދާ ނިރުބަވެރިން ރާއްޖެ އެތެރެވުން ހުއްޓުވަން ޕާސްޕޯޓު މަނާ ކުރެއްވީސް ކަމަށާ އެކަން ވެސް ނުކުރައްވާ ސަރުކާރުން ގެންދަވަނީ ބަހަނާ ދައްކަވަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، މުސްލިމުންގެ އަޚުންނާ އުޚްތުންގެ ދިފާއުގައި ދިވެހި ސަރުކާރުން ތެދުވަން ޖެހޭ ކަމަށާ ދިވެހި ސަރުކާރުގައި އެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒު ޣައްޒާ މައްސަލައިގައި ގެންގުޅުއްވަނީ ހިޕޮކްރިސީ ކަމަށާ އެކަން ވެސް ދޫކުރައްވާ ހެޔޮ ނިޔަތާ އެކު އެކަމުގައި އަމަލުކުރެއްވުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ސަހްޔޫނީން ޣައްޒާއިން އަސާސީ ހައްގުތައް ބަންދުކޮށް ހިންގަމުންދާ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ދިވެހި ރައްޔިތުންގެ ފަރާތުން ކުށްވެރިކުރައްވާފައެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒާ ނިރުބަވެރި ސަހްޔޫނީންގެ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ރައީސް މުއިއްޒާ ގާތް ގުޅުމެއް އޮންނަކމުގެ އަޑުތަކެއް ވަނި ފެތުރިފައެވެ. އެގޮތުން ނަތަންޔާހޫ ވަނީ އޭނާގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ގައުމެއް މެދުވެރިކޮށް ރާއްޖެއަށް އެހީދޭން ނިންމާފައި ކަމަށާ އެކަމާ ގުޅިގެން ރައީސް މުއިއްޒު ޖައްބާރު ނަތަންޔާހޫއަށް ފޯނުން ގުޅާ ޝުކުރު އަދާކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މައްސަލައިގެ ބިލު ޕިއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގައި ތާށިކޮށްފައި އޮންނަތާ 300 ދުވަސް ވާން ވަނީ ގާތްވެފައެވެ.