
ދިވެހިރާއްޖެ މިހާރު މިދަނީ ސަލަމާތް ނުވާވަރުގެ އަނދަވަޅަކަށް ވެއްޓެމުން ކަމަށާ އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝައްމާން ވަހީދު އެ މަގާމުން ވަކިކުރި ކުރުމަށް އިޝާރާތްކުރައްވާ މަލީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ފައިދާ ކުރަނިވި ރަގަޅު މަސައްކަތެއް ކުރައްވާ ބޭފުޅަކު ނަމަ މަގާމުގައި ނުބަހައްޓަވާ ވަކިކުރަމުން ރައީސް މުއިއްޒު ގެންދަވާ ކަމަށާ ރައީސް މުއިއްޒަކީ ވެރިކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ.
މީގެ އިތުރުން މަލީހު ވަނީ ގައުމު މިހާރު ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް ވިދާޅުވެ އެކަމުން ސަލަމާތްވުމަށް އޮތީ އެންމެ މަގެއް ކަމަށާ އެއީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުން ކަމަށް ވެސް ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ޝައްމާން ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުން ވަކިކުރެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވާއެވެ. މިއީ މިފަހަކަށް އައިސް ރައީސް މުއިއްޒު ހިތްޕުޅާ ނުވާ ހިސާބުން އެކި މުއައްސަސާތަކާ ކުންފުނިތަކުގެ ވެރިން ވަކިކުރުމަށް ގެންގުޅުއްވާ ވޮއްގަނޑެއްގެ ގޮތުގައި ގިނަ ރައްޔިތުން ސިފަކުރެއެވެ.










