

ރޯދަ މަހާއި ދިމާކޮށް ދައުލަތުން ބަހަން ނިންމި މަސްދަޅު ކޭސްތައް އަދިވެސް ހުރިހާ ގޭބީސީއަކަށް ނުލިބެއެވެ.
މިހާތަނަށް ޖުމްލަ 110،127 ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ދައުލަތުންވަނީ ހާމަ ކޮށްފަ އެވެ. އަދި މީގެ އިތުރުން މަސްދަޅު ކޭސްތައް ބެހުން ކުރިއަށްދާނީ މިފްކޯގެ މަސް ފިހާރަތަކުގައެވެ.
އަދި ރޯދަ މަހަށް މިއަދަށް 23 ދުވަސް ވީ އިރު މިއަދުވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.
އެތައް ދައްޗަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ބޮޑުވުމުގެ ސަބަބުން މަސް ދަޅު ކޭސް ބަހަން ހާއްސަ ޕޯޓަލެއްވަނީ ތައާރަފުކޮށްފަ އެވެ.
އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް މަސްދަޅު ކޭސް ނެގުމަށްޓަކައި ނަންބަރު ދޫ ކުރާނެއެވެ. ނަމަވެސް ދުވާލަކު މަދު ޓޯކަންތަކެއް ދޫ ކުރުމުގެ ސަބަބުން އެ މަސްދަޅު ކޭސްތައް ނެގުމަށް ރައްޔިތުންނަށްވަނީ ގިނަ ލަސްތަކާއި ކުރިމަތިލާން ޖެހިފައެވެ.
ބައެއް މަސްދަޅު ކޭހުގައި ދަޅުގެ އަދަދު މަދުވާ މައްސަލައެއް ފެންމަތިވެފައިވެއެވެ. އެގޮތުން މަސްދަޅު ކޭސް ބަލާ ރައްޔިތުން ގޮސް އަނބުރާ ގެއަށް އައުމުގެ ކުރިން އެ ހަވާލުވި ތަނެއްގައި ހުރެ ކޭސް ކެނޑުމަށްފަހު ބެލުމަކީ ރަނގަޅު ގޮތްކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލު ކުރެއެވެ.