March 15, 2026
Advertisement
މަސްދަޅު ދޫ ކުރުން
މަސްދަޅު ދޫ ކުރުން / ދުވަސް އެމްވީ

އައިއެމްއެފުން ހަރަދުތައް ކުޑަ ކުރުމަށް ގޮވާލަމުން ދަނިކޮށް ދައުލަތުން 81 މިލިއަން ރުފިޔާ ޚަރަދުކޮށް މަސްދަޅު ކޭސް ބަހައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 2, 2025, 09:34 PM

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ކެނޑި ނޭޅި ހަރަދުތައް ކުޑަ ކުރުމަށް ގޮވާލަމުން ދަނިކޮށް 111،231 ގޭބީސީއަކަށް ރޯދަ ހަދިޔާ ބަހައި އެ މަސްދަޅުކޭސްތަކަށް 81 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ދައުލަތުން ހާމަކޮށްފިއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ސަން ނޫހުން އެކަން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

ކޮންމެ މަސްދަޅު ކޭހަކަށް 730 ރުފިޔާ އަރާ ކަމާއި މަސްދަޅުކޭސްތައް ބެހުމަށްޓަކައި ޖުމްލަ 81،198،630 ރުފިޔާ ހަރަދުވިކަން ފިނޭންސް މިނިސްޓްރީން ސަންއަށް މައުލޫމާތު ދިންކަމަށް އެ ރިޕޯޓުގައިވެއެވެ.

އެތައް ދައްޗަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ބޮޑުވުމުގެ ސަބަބުން މަސް ދަޅު ކޭސް ބަހަން ހާއްސަ ޕޯޓަލެއްވަނީ ތައާރަފުކޮށްފަ އެވެ.

މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް މަސްދަޅު ކޭސް ނެގުމަށްޓަކައި ނަންބަރު ދޫ ކުރާނެއެވެ. ނަމަވެސް ދުވާލަކު މަދު ޓޯކަންތަކެއް ދޫ ކުރުމުގެ ސަބަބުން އެ މަސްދަޅު ކޭސްތައް ނެގުމަށް ރައްޔިތުންނަށްވަނީ ގިނަ ލަސްތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ރޯދަ މަހުގެ ފަހު ދުވަހުވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ދިޔަކަން ފާހަގަ ކޮށްލެވެއެވެ.

ދައުލަތުން 81 މިލިއަން ރުފިޔާ ހަރަދުކޮށް މަސްދަޅު ކޭސް ބެހި އިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.

އަދި ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved