

އުޅަނދުތައް ފަޅުގައި އަޅާފައި އޮންނަ އިރު ވެސް އެކަށީގެންވާ އަދަދަކަށް އަބަދުވެސް މީހުން ތިބުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ.
ކަނޑު އުޅަނދުފަހަރު ފަޅުތެރޭގާ އަދި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށް ފަހު އުޅަނދު ބެލެހެއްޓުމަށް އެއްވެސް ފަޅުވެރިއެއް ނެތި ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނީ، ކަނޑު އުޅަނދުފަހަރު ނަގިލި ލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށް އެކަށީގެންވާ އަދަދަކަށް ފަޅުވެރިން ތިބުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތު ތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެކެވެ،
މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތް ނަމަ، އެ އުޅަނދުގެ ވެރިފަރާތް 'ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު'ގެ ދަށުން 1،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.