ހުސެއިން ފިޔާޒު މޫސާ / ސޯޝަލް މީޑިއާ
ހަބަރު
ރައީސް ފިޔާޒަށް އިންޒާރު ދިން މައްސަލައިގައި ދައުވާ ނުކުރަން ދައުލަތުން ނިންމައިފި
24 މާރިޗު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާއަށް އިންޒާރު ދިން މައްސަލައިގައި ދައުވާ ނުކުރަން ދައުލަތުން ނިންމައިފިއެވެ.

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދައްކަވައި، އިންޒާރުދީފައިވަނީ މާރޗުމަހުގެ 15 ދުވަހުގެރޭއެވެ.

އެގޮތުން ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވާ މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެކަމަށް ވެއެވެ.

އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި ކަމަށްވެއެވެ. އަދި ތިންވަނަ ފަހަރު އިންޒާރު ދެއްވާަ ފޯނު ބޭއްވެވުމުގެ ކުރިން ވަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވިދާޅުވެފައި ކަމަށްވެއެވެ.

މި މައްސަލަ ފިޔާޒުއާ އަދަދު ނޫހުގެ ފަރާތުން ފުލުހަށް ހުށަހެޅުމުން މައްސަލަ ތަހުގީގުކުރުމަށް ފަހު ފުލުހުން ތަހުޤީޤުކުރުމަށް ފަހު ވަނީ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައެވެ.

މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ އެ އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސް ޑރ. މުޢިއްޒު، ފިޔާޒަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތް ކަމަށް ޕީޖީއިން ނެރުނު ބަޔާނުގައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ދަޢުވާނުކުރުމަށް ނިންމައިފައިވާ ކަމަށް ޕީޖީއިން ވަނީ ހާމަކޮށްފައެވެ.

އެ އޮފީހުން ބުނި ގޮތުގައި، ގާނޫނުލްއުގޫބާތުގެ ދަށުން، އިންޒާރެއް ދިން ކަމަށް ބެލެވޭނީ، މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން، އޭނާ މަރުވެދާނެ ކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައި އަދި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދައްކައިފި ނަމައެވެ.

ތަފުސީލް ދެމުން ޕީޖީ އޮފީހުން ބުނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، އިންޒާރެއް ދިން ކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނަ އަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފި ނަމަ ކަމަށެވެ.

ޙުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީއެވެ.

- ޕީޖީގެ ބަޔާނުގައިވެއެވެ.

ފިޔާޒަށް އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ޖަމިއްޔާތަކުން ވަނީ އެ ކަން ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved