ފޮރިން މިނިސްޓްރީން ނެރުނު ބަޔާން / ފޮރިން މިނިސްޓްރީ
ހަބަރު
ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރުން ކުށްވެރިކޮށްފި
Hussain Nawaf
ހުސައިން ނަވާފް
26 މާރިޗު 2025

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމަށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރުމަށާއި ހުޅަނގު އައްސޭރީގައި ސަހްޔޫނީ އާބާދީތައް އިތުރުކުރުމަށް ސަހްޔޫނީން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ގާޒާއިން ބޭރުކުރުމުގެ މަގުސަދުގައި އޭޖެންސީއެއް ގާއިމުކުރުމަށް ސަހްޔޫނީންގެ ސަރުކާރުން ކޮށްފައިވާ އިއުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ގައިރުގާނޫނީ އާބާދީ ހިމެނޭ ސަރަހައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެއެވެ.

އަދި އެފަދަ އަމަލުތަކަކީ ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތައްތަކެއް ކަމުގައި ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ. ގެ ގަރާރުތައް، ހާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2334 އާ މުޅިން ހިލާފު އަމަލުތަކެއް ކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައެޅުމުގެ އިތުރުން ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެ ގޮތުގައި ގާއިމުކުރެވުމުން ކަމަށް އެ ބަޔާނުގައި ދިވެހިރާއްޖެއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއިން ބައިނަލް އަގްވާމީ ދުނިޔޭގައި އަޑު ހަރުކޮށް ފަލަސްތީނުގެ މައްސަލައިގައި ވަކާލާތު ކުރަމުން ގެންދާއިރު އެ ކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވެއެވެ. އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނެ ސަރުކާރުން ދޮގު ހަދައި އެކަން ނުކޮށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ލަސް ކުރާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 1541 މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved