ޑިފެންސް މިނިސްޓަރު ޣައްސާން ރައިސް މުއިއްޒުއާ ސަލާން ކުރައްވަނީ / ރައީސް އޮފިސް
ހަބަރު
މުސްލިމު ގައުމަކާ ދެކޮޅަށް ހަމަލާ ދޭން ރާއްޖެ ސަރަހައްދު އެމެރިކާ ބޭނުން ކުރާނެކަމުގެ އަޑުތަކަށް ސަރުކާރުގެ ބަހެއް ނެތް
04 އޭޕްރީލު 2025
މާލެ ސިޓީ

އީރާނަށް އަސްކަރީ ހަމަލާދިނުމަށް އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމާއި ގުޅޭގޮތުން ސުވާލުކުރުމުން ދިވެހި ސަރުކާރުން އެކަމަށް ބަހެއް ނުބުނެ ހަނު ތިބުން ޚިޔާރުކޮށްފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީގެ ދެކުނުން އޮންނަ ފޯޅަވަހީގައި އެެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒު ބޭނުންކޮށްގެން އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުގައި ރިޕޯޓުކުރީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅުގައެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން، އެއްވެސް ޤައުމެއްގެ ވައިގެ ސަރަހައްދު އަސްކަރީ ބޭނުމަށް ބޭނުންކުރެވޭނީ އެ ޤައުމެއްގެ ސަރުކާރުގެ ހުއްދައާ އެކުގަ އެވެ. ބައިނަލް އަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ އެމެރިކާއިން އީރާނަށް ހަމަލާދޭން ޑިއޭގޯ ގާސިއާގެ އަސްކަރީ ބޭސް ބޭނުން ކުރާނަމަ ރާއްޖޭގެ ވައިގެ ސަރަހައްދުވެސް ބޭނުންކުރާނެ ކަމަށެވެ. އީރާނުން ވަނީ ޑިއޭގޯ ގާސިއާއިން އެއްވެސް ހަމަލާއެއް އަތުވެއްޖެނަމަ، އެކަމަށް ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ.

ބައިނަލްއަގްވާމީ މީޑިޔާތަކުގައި މި ވާހަކަތައް ތިލަވެ ރާއްޖޭގެ ރައްޔިތުން ދަނީ މިކަމާ ގުޅިގެން ނުހަނު ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޚާއްސަކޮށް އައްޑޫ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައި އޮތް ކަމަކަށް މިކަން ވާއިރު މިއީ ދިވެހި ސަރުކާރުން ކަން އޮތް ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަކަށްވުމާއެކު މިކަމުގައި ދިވެހި ސަރުކާރުގެ ބަހެއް ހޯދާލަން "ތޭރަ އޮންލައިން" އިން މަސައްކަތްކުރީމެވެ.

އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ރަސްމީކޮށް ބަސް ބުނާނީ ޑިފެންސް މިނިސްޓްރީން ކަމަށްވާއިރު ދިވެހި ސަރުކާރު ބަންދުކޮށްފައި އޮންނަތާ ސޯޅާ ދުވަސްވެފައިވާއިރު އެކަމުގައި މިނިސްޓްރީގެ ބަހެއް ހޯދުންވީ އުނދަގޫ ކަމަށެވެ. އެހެންކަމުން ޑިފެންސް މިނިސްޓަރުގެ ބަހެއް ހޯދާލަން މަސައްކަތްކޮށް މެސެޖުކުރުމުން ވެސް އެމަނިކުފާނު ވަނީއެއްވެސް ޖަވާބެއް ނުދެއްވާފައެވެ.

މިފަދަ ޚައްސާސް ކަންކަމުގައި ވަޒީރުން އަދި އައްޑޫގެ ރައްޔިތުން ހޮވާފައި ތިބި މަޖިލިސް މެމްބަރުންގެ ވެސް ރިއެކްޝަން ވަރަށް "ކޫލް"ކޮށް ފެންނަމުންދާއިރު، ދާދި ފަހުން ޑިފެންސް މިނިސްޓަރު ޣައްސާނު މައުމޫނު ވަނީ އައްޑޫ މީހުންނަކީ ތިމަން މަނިކުފާނާ ބެހޭ ބައެއް ނޫން ކަމަށް ވިދާޅުވެފައިކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރުން ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިފަދަ ޚައްސާސްކަމެއްގައި ސަރުކާރުގެ ބަހެއް ނުލިބިވާއިރު އެމެރިކާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ވައިގެ ސަރަހައްދުން ދަތުރުކުރުމާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުން ކުރަމުންދާ ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މި ވާހަކަތައް ދައްކާ ކަންބޮޑުވުން ފާޅުކުރިނަމަވެސް މިހާތަނަށް ވެސް ސަރުކާރުން މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.

އީރާނަކީ މުސްލިމް ގައުމަކަށްވެފައި، މި މައްސަލައިގައި ރާއްޖެ ފަދަ 100 އިން 100 އިސްލާމީ ގައުމަކުން އެއްވެސް ބަހެއް ނުބުނެ ހަނު އޮތުމަކީ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ގިނަ ރައްޔިތުން ސިފަކުރެއެވެ. އަދި މި ހަނގުރާމަ ފެށިއްޖެނަމަ، އޭގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމަކީ ދިވެހިރާއްޖެއަށް ވެގެންދާނެއިރު ރާއްޖެއިން މިކަމުގައި ބަސްބުނަން ޖެހޭ ކަމަށް ވެސް ގިނަ ރައްޔިތުން ހާމަކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved