މިސަރުކާރު ދަންނަ ބަޔަކު ދުނިޔޭގެ އެހެން ހިސާބެއްގައި ނޫޅެނީ އެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
މިސަރުކާރު ދަންނަ ބަޔަކު ދުނިޔޭގެ އެހެން ހިސާބެއްގައި ނޫޅެނީ އެވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 އޭޕްރީލު 2025
މާލެ ސިޓީ

ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ކޮންޓްރޯލްކޮށް ކަނޑައަޅަނީ ކާކު ކިހިނެތް ކޮންގަތަކަށް ކަމެއް އިނގޭ މީހަކު ނެތެވެ. މުޅި ދިވެހި ސަރުކާރުގެ ހާރިޖީ ގުޅުން ގޮށްޖެހި އޮޅުން ބޮޅުން ވެއްޖެ އެވެ.

ބޭރުގެ ގައުމަކަށް ދިވެހި ރައީސް މަނިކުފާނު ދަތުރެއް ކުރެއްވި ނަމަވެސް އެގައުމުތަކުގެ ހާރިޖީ ގުޅުންތަކަށް އެކަމެއް ނޭގެއެވެ. ރައީސް މަނިކުފާނު އެކަނިމާ އެކަނި އުޅޭފައި އަންނަނީ އެވެ.

ޑިޕްލޮމެސީގައި މި ރާއްޖެ ފަހުގެ ތާރީހުގައި ކުރި ހޯދިއިރު، މި ސަރުކާރުގެ ހާރިޖިއްޔާއިން މިފަހުން ރާއްޖެ ހޯދި ކުރިއެރުންތަކުން ފަހަތައް ޖެހިފަ އެވެ. މީގެ ކުރިން ޓްރާންސްޕޭރެންސީ އަށް ބަލާއިރު، ދައުލަތުގެ އެންމެ ދެފުށް ފެންނަ ގޮތަށް ހިންގާ އެއް މިނިސްޓްރީއަކީ ފޮރިން މިނިސްޓްރީއެވެ. ނަމަވެސް މި ރައީސް މަނިކުފާނާއެކު ފޮރިން މިނިސްޓްރީ ވެސް އެއީ މިހާރު "ބަންދު ގުދަ" ނެކެވެ.

މީގެ އެތައް އަހަރުތަކަކުން ފެނިގެން ރާއްޖެ ދިޔައީ ބޭރުގެ ގައުމުތަކާއިއެކު އޮތް ގުޅުން ހަރުދަނާކުރަމުން ނެވެ. ނަމަވެސް މި ރައީސްގެ ހުވާ ކުރުމާއިއެކު ހާރިޖީ ގުޅުންތަކުން ނެރެވޭ ނަތީޖާ ވަނީ ދައްވެފައެވެ. މި ރައީސް އާއި ސަރުކާރުގެ އިސް ވެރިނަށް ބޭރު ގައުމުތަކުން ދޭ ސަމާލުކަން ވަނީ ކުޑަ ވެއްޖެއެވެ. މި ސަރުކާރަށް ދޭ އަހުމިއްޔަތު ވަނީ ދަށްވެފައެވެ.

އެއް މިސާލެވެ.

ލިވަޕޫލްގެ ސީއީއޯގެ ރަސްމީ ދައުވަތަކަށް ކަމަށް ބުނެ މި މަނިކުފާނު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ އެޕްރީލް 1، ގަ އެވެ. އެ ގައުމަށް ވަޑައިގެން، ޖެހިގެން އައި ދުވަހު މި މަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ލިވަޕޫލްގެ ޓްރެއިނިން ގްރައުންޑް، އަކްސާ ޓްރެއިނިން ސެންޓަރަށެވެ. އެ ޒިޔާރަތުގެ ފޮޓޯތައްވެސް ޕޯސްޓުކުރީ ރައީސް އޮފީހުން އެކަންޏެވެ. ލިވަޕޫލުން ޕޯސްޓުކޮށްފައެއް ނުވެ އެވެ.

އަދި، އެ ރޭ ލިވަޕޫލްގެ ދަނޑުގައި އެ ޓީމުގެ އެންމެ ވާދަވެރި އެއް ޓީމު ކަމަށްވާ އެވަޓަންއާ ދެކޮޅަށް ކުޅުނު ލީގު މެޗަށް ރައީސް އާއި އެމަނިކުފާނާއެކު ދަތުރުގައި ބައިވެރިވި ސަރުކާރުގެ ވެރިން ވަޑައިގެންނެވި އެވެ. މެޗު ބައްލަވަން ރައީސް އިންނެވި މަންޒަރެއް ދަނޑުގައި ހުރި އެތައް ހާސް ލެންސަށް ވެސް ނާރުވަ އެވެ.

މެޗުގެ ކުރިން ރާއްޖެ އިޝްތިހާރު ކުރުމަށް ފަށާފައިވާ ކެމްޕޭން ލޯންޗުކުރުން އޮންނާނެ ކަމަށް އަޑު ސަރުކާރުގެ މީޑިއާ ފެތުރިއެވެ. އެ އިވެންޓާ ގުޅިގެން ދައުލަތުގެ މީޑިއާއިން ހާއްސަ ޝޯއެއްވެސް ގެނެސްދިނެވެ. ނަމަވެސް ޝޯ ނިންމާލީ ދަނޑުގައި ރައީސް ކުރެއްވި އެއްވެސް ކަމެއްގެ މަންޒަރެއް ދިވެހިންނަށް ނުދައްކަ އެވެ.

މީގެން އެއްވެސް ފޮޓޯއެއް، ނުވަތަ ރައީސް މުއިއްޒު އެންފީލްޑަށް ޒިޔާރަތް ކުރެއްވި ކަމެއްވެސް ލިވަޕޫލުގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓަކުން ނުވަތަ ވެބްސައިޓުގައި ވެސް އާންމުކޮށްފައެއް ނުވެ އެވެ. ފޮޓޯއެއްހާ މިންވަރު ވެސް ޕޯސްޓުކޮށްފައެއް ނުވެ އެވެ. މިކަމާ ދިވެހިންގެ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުން ނެވެ. މި މަނިކުފާނަށް ޕީއާރު ޓީމުން މި ދިނީ ކިހާބޮޑު ދެރައެއް ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި ލިވަޕޫލް ސްޓޭޑިއަމަށް މި މަނިކުފާނު ވަޑައިގަތުމުން, ދުނިޔޭގެ ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނަށް އަރުވާ އެއްވެސް ޕްރޮޓޮކޯލްއެއް ލިވަޕޫލް އެފްސީން ހަމަޖައްސާދީފައެއް ވެސް ނުވެ އެވެ.

އެގޮތުން މި މަނިކުފާނާއިއެކު ވަޑައިގެން މިނިސްޓަރު ތޯރިގުއާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަޅުއްވައިގެން ހުންނެވި ކާޑުން "ވިޒިޓަރު" ފެންނާން އޮތްއިރު, މުއިއްޒު ހުންނެވީ ވިޒިޓަރު ކާޑު ސޫޓުގެ ދަށަށް ލައްވާ ފޮރުވައިގެންނެވެ.

ރާއްޖެ އަކީ ލިވަޕޫލުގެ ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ގައުމެއް ނޫނެވެ. ލިވަޕޫލުން 2021 ގައި މޮރިޝަސް އާއެކު ލިވަޕޫލުން ވީ މިފަދަ އެއްބަސްވުމެއް ލޯންޗުކުރަން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނަތު ވެސް އެންފީލްޑަށް ވަޑައިގެންނެވި އެވެ.

އެ ޒިޔާރަތާއި ރައީސް މުއިއްޒުގެ ޒިޔާރަތާ ހުރި ތަފާތަކީ އެފަހަރު މޮރިޝަސްގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވީ ލިވަޕޫލުގެ ސީއީއޯ ބިލީ ހޯގަން ކަމެވެ. އޭނާ، ޕްރަވިންދު އާއެކު ފޮޓޯ ނަގާ، އެ ހަބަރު ލިވަޕޫލުން އެ ކްލަބުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރުމެވެ. ޕްރަވިންދު ވަނީ އޭނާގެ ޒިޔާރަތުގައި އޭރު ލިވަޕޫލުގެ މެނޭޖަރަކަށް ހުރި ޔާގަން ކްލޮޕާވެސް ބައްދަލުކޮށްފަ އެވެ.

ރަސްމީ ހައިސިއްޔަތުން ދައުލަތުގެ ހަރަދުގައި މި މަނިކުފާނު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި, މުއިއްޒު އިނގިރޭސި ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކާއި ބައްދަކުރަން ފުރުސަތު ލިބިފައެއް ނުވެ އެވެ. މީގެ އިތުރަށް، ލިވަޕޫލުގެ މިހާރުގެ ޓީމު ނުވަތަ އެ ކްލަބުގެ އިސްވެރިންގެ ތެރެއިން އެއްވެސް ބަޔަކާ ރައީސްގެ މި ދަތުރުގައި ބައްދަލުކުރެއްވި ކަމެއް ރައީސް އޮފީހުން އަދި އެމްއެމްޕީއާރުސީ އިންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި މަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ފަސްޓު ކުލާހުގައި ސަރުކާރުގެ ބޮޑު ވަފުދަކާ އެކީ އެވެ. އެ ވަފުދުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންދެވުނު ނަމާއޭ މިހާރު މި މަނިކުފާނު ހިތައް އަރާނެ އެވެ. މައުމޫނަކީ 1970ގެ އަހަރުތަކުން ފެށިގެން ވެސް ލިވަޕޫލްގެ ސަޕޯޓަރެކެ އެވެ. އެމަނިކުފާނުގެ ނަން މިހާރު ވެސް ބޭރުކަރަތަކުގައި މާ ވިދުން ގަދައެވެ.

މީގެ ސަތޭކަ އަހަރުކުރިން ވެސް ދިވެހި ދައުލަތުގެ ވެރިން އިނގިރޭސި ވިލާތަށް ގޮސް އުޅުނު ޑރ.މުއިއްޒަށް ދިމާވި ގޮތެއް ނުވޭ.. ފުރަތަމަ ކަމަކަށް ސިޔާސީ ކަމެއް ހާސިލުކުރަން ކީއްކުރަން ދިޔައީ، ކައިރީގަ ތިބި ތަންދޮރު ނުދަންނަ މީހުންނަށް ނޭގެނީބާ ފުޓްބޯޅަޔަށް އެމީހުން ސިޔާސީ ކަންކަން ވައްދަން ބޭނުން ނުވާނެކަން. އެތައް މިލިއަން ރުފިޔާއެއް ތި ހަރަދު ކުރީ ހުސް ގޮނޑިތަކެއް ކައިރީގައި ކުޑަ ކުދިން ކުޅޭ ކަހަލަ ޑްރާމާއެއް ކުޅެންތަ؟ އިނގިރޭސި ވިލާތުގެ ސަރުކާރުން ގައުމެއްގެ ރައީސަކު ދިޔައީމަ އަޅާނުލާ އެއްވެސް ޝައުގުވެރިކަމެއް ނެތި އާނމު ފަރުދެއް އުޅޭހެން ލިވަޕޫލް ސްޓޭޑިއަމް ތެރެއަށް ދޫކޮށްލީމަ އެބަ އެނގޭ މިސަރުކާރު ދަންނަ ބަޔަކު ދުނިޔޭގެ އެހެން ހިސާބެއްގައި ނޫޅޭކަން..

- ރައީސް އިނގިރޭސިވިލާތު ދަތުރަށް އިޝާރާތް ކޮށް މީހަކު ލިޔެފައި ވެއެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މިވަގުތު ވަނީ ނާޒުކު ހާލަތެއްގައި ކަމަށް ސިޔާސީ މާހިރުން ފާހަގަކުރަމުންދާ އިރު، އެއްވެސް ބޭރު ގައުމަކާ އެކު ވަރުގަދަ ހާރިޖީ ގުޅުމެއް ގާއިމުކުރުމަށް މި ސަރުކާރު ވަނީ ނުކުޅެދިފަ އެވެ. ޖިއޯ ޕޮލިޓިކަލް މަސްރަހުގައި ރާއްޖެއިން އަދާކުރަންޖެހޭ ދައުރު އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭ ކަމުގެ ކުޑަ މިސާލެއް ތިޔަ ފެނުނީ ލިވަޕޫލު ދަނޑުންނެވެ.

ބައިނަލް އަގުވާމީ ބާރުގަދަ ގައުމުތަކާ އެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތައް މި މަނިކުފާނުގެ އަމަލުތަކާއި ދޯދިޔާ ސިޔާސަތުތަކުން ހީނަރުވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ އަގު ވަރަށް ބޮޑަށް މިހާރު ވަނީ ވެއްޓިގެން ގޮސްފަ އެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބެމުން އައި އެހީތެރިކަމާއި އެއްބާރުލުން ވެސް މަދުވަމުންދާ ކަން ލިވަޕޫލް ދަނޑުން މި ރައީސްގެ ކަރުގައި އެޅުވި ކާޑުން ސާފު ވެއްޖެ އެވެ.

މިއަދު މި މަނިކުފާނަށް އިސްތިގުބާލްކޮށް މަދަދުދޭނެ އެކަކުވެސް ދުނިޔޭގައި ނެތީ އެވެ. ހާރިޖީ ސިޔާސަތެއް ނެތި ހިނގާ މިސަރުކާރު ދަންނަ ބަޔަކު ދުނިޔޭގެ އެހެން ހިސާބެއްގައި ނޫޅެނީ އެވެ. ލިވަޕޫލުން އެތައް ހާސް ސަޕޯޓަރުން ކުރިމަތީ މި މަނިކުފާނު "އެކަހެރި" ވީ އެހެންވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved