

ބޭރުގެ ހިލޭ އެހީ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް މިއަދު ކުރިމަތިވަނީ ސަރުކާރުން ހަރަދުތައް ކުޑަކޮށް ދަރަނި މެނޭޖް ކުރަން މަސައްކަތް ކުރާތަން ނުފެންނާތީކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރިކަރަންޓު ޚަރަދު ހުރީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރަށް ވުރެވެސް ޓާޝަރީ ފެންވަރުގައި ކަމަށް ވިދާޅުވެ ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދާ ގުޅިގެން ރައީސް ޔާމީންވަނީ ފާޑު ވިދާޅުވެފަ އެވެ.
އެހެންވީމަ ޗައިނާ ތަން ތަނުންވެސް އަދި އެހެން ތަންތަނުންވެސް ދިވެހި ރާއްޖެއަށް އިތުރު އެހީ މިހާރު ނުލިބިގެން މިއުޅެނީ. އެ ނުލިބިގެން އުޅޭ ސަބަބުތަކުގެ ތެރޭގައި އުޅޭ މައްސަލައަކީ ސަރުކާރުގެ އަމަލުތަކުން ހަރަދުތައް ކުޑަކޮށް ހިންދެމިލަން މަސައްކަތް ކުރާ ތަން ދައްކާފައި މިހާތަނަށް ނެތުން. ފޫނެއް ފަޔަށް ފެން އެޅުން ކަހަލަކަމަށް މި ވަނީ، އެހެންވެ އެކަމެއް ގައުމުތަކަކުން ނުކުރާނެ.
ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ދަނީ ރާއްޖެއިން ގައުމުގެ އިގްތިސޯދާ މެދު އަޅަމުންދާ ފިޔަވަޅުތައް ކައިރިން ބަލަމުން ކަމަށާ އޭގެ ތެރޭގައި ރާއްޖެއަށް ގިނަ ލޯނުތަކެއް ދޫކޮށްފައިވާ ޗައިނާއާ އިންޑިއާ ވެސް ހިމެނޭ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާ އިރު ދައުލަތުގެ ޖުމްލަ ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދަށް 93 އިންސައްތަ ހަރަދުކޮށްފައިވާ އިރު ކެޕިޓަލް ހަރަދުތަކަށް ކޮށްފައިވަނި އެންމެ 7 އިންސައްތައެވެ.
އެގޮތުން އަހަރުގެ ފުރަތަމަ 10 ހަފްތާގައި މުސާރަ ހަރަދު ވަނީ 249.7 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މުސާރަ ހޭދައިގެ ތެރޭގައި މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ރިޓަޔަމަންޓު ބެނެފިޓުތައް ހިމެނެ އެވެ.
މި އަދަދުތައް މިދިޔަ އަހަރާ އަޅައިބަލާއިރު ފުރަތަމަ 10 ހަފްތާގެ ތެރޭގައި މުސާރައަށް ކުރާ ހޭދަ މިވަނީ 11.43 ޕަސެންޓުން އިތުރުވެފަ އެވެ