ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން / އެޑިޝަން.އެމްވީ
ހަބަރު
ޝަމްއާންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
06 އޭޕްރީލު 2025

މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝައްމާން މަގާމުން ވަކިކޮށްފައިވަނީ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން އޭނާ ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 15 ދުވަހުގެ މުއްދަތު ޝައްމާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ އަމުރު އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

އެގޮތުން މިއަދު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރިކަންވަނީ އެކި ނޫސްތަކުން ރިޕޯޓުކޮށްފައެވެ.

އޭނާ ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައި މިލިއަނެއް ހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

ޝަމްއާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved