

ފަލަސްތީނު ރައްޔިތުންނަށް ނޮހޮރޮއްޕާން ނުކުރަން ރަސްމީ ފެންވަރުގައި އިޒްރޭލު ސަރުކާރަށް، ދިވެހި ސަރުކާރުން އަންގަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ހޭދައާ މެދު ދިވެހި ސަރުކާރުން އަމަލުކުރަމުން ދަނީ އެންމެ ރަގަޅަށް ނޫން ކަން ފާހަގަކުރައްވާ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަހްޔޫނީން ޣައްޒާގެ ރައްޔިތުން ރޯދަ މަހުން ފެށިގެން އަސާސީ ހައްގުތަކުން މަހްރޫމުކޮށްފައިވާއިރުވެސް ދިވެހި ސަރުކާރަށް އެކަން ކުށްވެރިކޮށްލުން ނޫން ކަމެއް ނުކުރެވޭ ކަމަށާ އެގޮތުން ސަހްޔޫނީންގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތުކުރައްވާ އެމަނިކުފާނު ވަނީ އެހެންކަމުން ދިވެހި ސަރުކާރު ވަނީ ބަނދެވިފައި ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓުވެސް މަނާނުކޮށް މި ސަރުކާރުން ދައްކަމުން ދަނީ ބަހަނާ ކަމަށާ މަޖިލިސް ގޭ ތެރެއިން ސަރުކާރުން ބޭނުންވާ ކަންކަން ގަޑި ދެ ގަޑިއިރު ތެރޭވެސް ނިންމާ ފާސްކޮށް ތަސްދީކުރަމުން ދާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މުސްލިމުންގެ އަޚުންނާ އުޚްތުންގެ ދިފާއުގައި ދިވެހި ސަރުކާރުން ތެދުވަން ޖެހޭ ކަމަށާ ދިވެހި ސަރުކާރުގައި އެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒު ޣައްޒާ މައްސަލައިގައި ގެންގުޅުއްވަނީ ހިޕޮކްރިސީ ކަމަށާ އެކަން ވެސް ދޫކުރައްވާ ހެޔޮ ނިޔަތާ އެކު އެކަމުގައި އަމަލުކުރެއްވުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީން މިފަދައިން ވާހަކަފުޅު ދައްކަވާ ސަހްޔޫނީންގެ ވެރިންނާ ދިވެހި ސަރުކާރުގެ ވެރިންނާ ގާތް ގުޅުމެއް އުފެދި އެ ގުޅުމުގައި ދިވެހި ވެރިން ބަނދެވިފައި ތިބިކަމަށް ތުހުމަތުކުރައްޥާފައިވަނިކޮށް ރައީސް މުއިއްޒު ސަހްޔޫނީންގެ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާ ދިވެހި ސަރުކާރަށް ސަހްޔޫނީންގެ އެހީ ހޯޑަން އެއްބަސްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާކަން ވާހަގަކޮށްލެވެއެވެ.