ދުނިޔޭގެ ސިއްހަތު ދުވަސް ބައްދަލު ކުރިއިރު ސިއްހީ ނިޒާމު ވެންޓިލޭޓަރުގައި ރައްޔިތުންނަށް ބޭސް ނުލިބޭ! / ތޭރަގްރެފިކްސް
ރިޕޯޓު
ދުނިޔޭގެ ސިއްހަތު ދުވަސް ބައްދަލު ކުރިއިރު ސިއްހީ ނިޒާމު ވެންޓިލޭޓަރުގައި ރައްޔިތުންނަށް ބޭސް ނުލިބޭ!
07 އޭޕްރީލު 2025
މާލެ ސިޓީ

އެޕްރިލު މަހުގެ 7 ވަނަ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައެވެ. މި އަހަރު ވެސް އެ ދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކުރިއިރު ޝިއާރަކީ "ދުޅަހެޔޮ ސިއްހަތެއްގައި ފެށުން، އުއްމީދީ ކުރިމަގެއް" މިއެވެ. މި ޝިއާރު ފޯކަސްކޮށްފައިވަނީ ދަރިމައިވުމާ އަލަށް އުފަންވާ ކުދިންގެ މައްޗަށް ދުނިޔޭގެ ނިސްބަތުން ބަލާލާއެވެ.

އެހެންކަމުން ސިއްހަތު ދުވަސް ފާހަގަކުރާއިރު ރާއްޖޭގައި އަލަށް އުފަންވާ މަރުވާ ރޭޓު އަދި ވިހެއުމުގެ ތެރޭގައި ދިމާވާ އެކި ކަންކަމާ ގުޅިގެންނާ ލިބެންވާ ފުރިހަމަ ސިއްހީ ފަރުވާ ނުލިބިގެން ކިތައް މައިންނާ ޅަދަރިން މި ދުނިޔެ ރާއްޖޭގައި ގެއްލިގެން މިވީ އަހަރު ދޮޅު އަހަރު ތެރޭގައި ހިނގައްޖެތީ މިއީ ތިޔަ ބޭފުޅުންވެސް ނަޒަރު ހިންގާލައްވާ ދިރާސާކުރައްވަން ޖެހޭ ކަމެކެވެ. އެކަމަކު އެކަން ވެސް ކުރާނީ ކިހިނަކުންތޯއެވެ. އެއް ބަޔަކު ސިޓީ ކައުންސިލްގައި ތިބެގެންނާ ހައުސިން މިނިސްޓްރީގައި ތިބެގެން ހިންގި ބޮޑު މާސިންގާ ވައްކަންތައް ފޮރުވަން އެ ރެކޯޑުތައްވެސް އަންދާ އަޅިއަށް ހެދީ ވިއްޔާއެވެ.

ދެން އޮތް ކަމަކީ ދުނިޔޭގެ ސިއްހަތު ދުވަސް އައިސް މި ރާއްޖެއާ ބައްދަލުކުރި އިރު ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހާލަތު ހުރީ ފަން ޖިފުޓިތަކުގައި ރޯނު ފުރި އެނދުގައި ސިއްހީ ހިދުމަތްތައް ރައްޔިތުން ހޮދިއިރު ހުރި ފެންވަރަށް ވުރެވެސް ހާލުގައޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ.

ހޮސްޕިޓަލުތަކަށް ދައްކަން ޑޮކަޓަރުންނަށް އެޕޮއިންޓުމަންޓު ހަދައިގެން ބަލިމީހާ ދުނިޔެ ދޫކުރާއިރުވެސް އަދި ޑޮކްޓަރާ ހަމައަށް ނުދެވެއެވެ. ނޫނީ އެޕޮއިންޓްމަންޓެއް ނުލިބެއެވެ. ޒަމާންތަކަކަށް ފަހު ޑޮކްޓަރަށް ދެއްކުމަށް ދެން ޖެހެނީ އަދި މާ ހިތްދަތި ހާލަތެކެވެ. ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ބޭސް ނުލިބި އެއް ފިހާރައިން އަނެއް ފިހާރައިން ސުވަން ޖެހުމަކީ މީގައި ދިމާވާ އެންމެ ހިތްދަތިކަމެވެ. ބޭސް ނުލިބި، ރާއްޖެއިން ބޭރުން އެއް ބަޔަކު ބޭސް ގެންނަން އިރު އެފަދަވެސް ނެތް މީހުން ހަމަ އެއްވެސް ފަދައެއް ނުވެފައެވެ.

މިއީ 21 ވަނަ ގަރުނުގެ މޮޑާން ވޯލްޑުގައި ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތެވެ. ސިއްހީ ދާއިރާގެ އިހުމާލުން އެތައް ފުރާނައެއް އަޅުގަޑުމެންނާ އަލްވަދާއުކިޔާފައިވާއިރު މިކަމުގައި ވެރިން ދަނީ ރައްޔިތުން ނުުރުހި އަޑުގަދަ ކުރަން ފެށުމުން، ތުއްތު ކުދިން ރޯން ފެށުމުން ތުން މެޓާ ޖައްސާ ބީދައިން ކޮންމެވެސް މޮޅު ހެޑްލައިނެއް އަޅާލަމުންނެވެ.

އެހެންކަމުން މިއަހަރުގެ ސިއްހަތު ދުވަސް އަހަރުމެންނާ ބައްދަލުކުރިއިރު ރާއްޖޭގެ ސިއްހީ ނިޒާމު މިއޮތީ ވެންޓިލޭޓަރުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved