

ދިވެހިރާއްޖޭގެ ޚަރަދުތައް ބޮޑުވެ ދަރަނިވެސް ނުދެއްކޭނެ ފަދައަށް ހާލަތަކަށް ރާއްޖެ ވެއްޓެމުންދާީ ޚަރަދުކުޑަކޮށް ގައުމު ހިނގަން ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހި ސަރުކާރަށް އަންގާފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެއް ދުވަހުގެ ކެއުމަށް އެކަނި 9،000 ރުފިޔާ ހޭދަވާ ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ރައީސް ކޭން ބެއްލެވުމަށް މި ހަފްތާ ބަންދުގައި އާރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމުންނެވެ. އެގޮތުން ސޯޝަލް މީޑިޔާއިން ފެންނަ ގޮތުގައި، ގެރި މަހާ ޑިނގާގެ އިތުރުން ކަންބަޅި ބަކަރީގެ މަސް ގަތުމަށް ހޭދަ ކޮށްފައިވަނީ 8565.10 ރުފިޔާއެވެ. އަދި އެ ތަކެއްޗަށް އެރި ޖީއެސްޓީއާ އެކު ޖުމްލަ 9849.87 ރުފިޔާ ހޭދަކޮށްފައިވެއެވެ. ފައިސާ ދައްކާފައިވަނީ ވެސް ނަގުދު ފައިސާއިންނެވެ. ރަސީދު ހަދާފައިވަނި މުލިއާގެ / އާރަށުގެ ނަމުގައެވެ.
އިންވޮއިސްގައި ވާ ގޮތުން ގަނެފައިވަނީ ސްޕާޓާ ބީފް ކިއުބުގެ 10 ޕެކެޓާއި، އޭ ގްރޭޑުގެ ގަނޑުކުރި ޝްރިމްޕުގެ 10 ފެކެޓާއި ކަންބަޅި މަހުގެ 15 ޕެކެޓެކެވެ.
ސްޕާޓާ ބީފް ކިއުބްސް އަކީ އާންމުކޮށް ޝިން ނުވަތަ ޓޮޕްސައިޑުން ތައްޔާރުކުރާ ބޯންލެސް އަދި ބޯން އިން ދެ ބާވަތްތަކުގައި ވެސް ލިބެން ހުންނަ ޕްރީ-ކަޓް، ފްރޯޒެން ބީފް ޕްރޮޑަކްޓެކެވެ. މި ކިއުބްތަކަކީ ސްޓޫކުރުމާއި ގްރިލިން ނުވަތަ އެހެނިހެން ކަލިނަރީ ބޭނުންތަކަށް ބޭނުންކުރާ ކިއުބްތަކެކެވެ.
ކްލާސް އޭގެ ގޮތުގައި ގިންތިކޮށްފައިވާ ފްރޯޒެން ޝްރިމްޕްސް އަކީ ކޮލިޓީގެ މަތީ މިންގަނޑަކަށް ފެތޭ، ގިނަ ފަހަރަށް ކޯޑެކްސް އެލިމެންޓޭރިއަސް ފަދަ ޖަމިއްޔާތަކުގެ ވަކި ގައިޑްލައިންތަކަކަށް ހުންނަ އެއްޗެކެވެ. އޭގެ މާނައަކީ އާންމުގޮތެއްގައި އެތަކެތި އަވަހަށް ފްރީޒްކޮށް، ކޮލިޓީ ހިފެހެއްޓުމަށްޓަކައި ޑީޕް ފްރީޒްކޮށް ބެހެއްޓުމާއި، ނޮޅައި ސާފުކޮށް ހުންނަ އެއްޗެކެވެ. ކްލާސް އޭ ފްރޯޒެން ޝްރިމްޕް އަކީ ގިނަ ފަހަރަށް މަޝްހޫރު ސަޕްލަޔަރުންގެ އަތުން ހޯދާ، ވަރަށް ރަނގަޅަށް ކޮލިޓީ ޗެކްކުރާ އެއްޗެކެވެ.
ލޭމްބް ޗޮޕްސްއަކީ ކަންބަޅީގެ މޭ ކަށިގަނޑުން ފެށިގެން މައިބަދަ ހިމެނޭހެން ނަގާފައި ހުންނަ އެއްޗެކެވެ. މި މަސް ނަގަނީ 1 އަހަރު ނުވާ ކަންބަޅި ކަތިލައިގެންނެވެ. މިއީ އަގޮބޮޑު އެއްޗެކެވެ.
ސްޕާޓާ ބީފް ކިއުބްސްގެ 10 ޕެކެޓަށް 2611.20 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ޝްރިމްޕް 10 ޕެކެޓަށް1564.90 ރުފިޔާ ހޭދަކޮށްފައިވާ އިރު، ކަންބަޅި މަހުގެ 15 ޕެކެޓަށް 4389 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މި ތަކެތި ގަތްކަމަށް ރަސީދުން ފެންނަން އޮތީ އެޕްރިލް 10 އެކެވެ. އެހެންކަމުން މީ ކޮން އިރަކަށް ހޯދި ތަކެތި ތޯ މައުލުމާތު ސާފުކޮށްލަން ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި މިއީ މި ހަފްތާ ބަންދުގައި ރައީސް މުއިއްޒާ އާއިލާ އަދި ބައެއް ގާތް ބޭފުޅުން އާރަށަށް ޗުއްޓި ހެދުމަށް ވަޑައިގަންނަވާތީ އެ ބޭފުޅުން ކޭން ބެއްލެވުމަށް ގަނެފައިވާ ތަކެއްޗެވެ.
މިފަދަ ބޮޑު ޚަރަދެއް އެންމެ ދުވަހެއްގެ ކެއުމަށް ރައީސް ހޭދަކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ނިކަމެތި ރައްޔިތުން މިހާރު އުޅެނީ އިފްލޭޝަން މަތިވެ އެއް އިރުގެ ކެއުންވެސް ހަމައަށް ނުކެވިގެން ކަމަށްވާއިރު ރައީސް މީހާ އައްޔާޝީ ކުރުމުގައި ކެއުމުންވެސް ބޮޑު ޚަރަދު ކުރާކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކޮށްފައިވެއެވެ.